twitterviber whatsapp telegramfacebookyoutube instagram
28th March 2024

އައްޑޫގައި ކުނިން ހަކަތަ އުފެއްދުމަށް 14 މިލިއަން ޑޮލަރުގެ އެހީއެއް

ނަބީލާ އިސްމާޢީލް
Jan 13, 2020

އައްޑޫ ސިޓީގައި ކުނިން ހަކަތަ އާއި ފެން އުފެއްދުމުގެ މަޝްރޫއެއް ހިންގުމަށް ބޭނުންވާ ފައިސާ އަބޫދާބީ ފަންޑުން ދޭ ގޮތަށް ހަމަޖެހި އަބޫދާބީގައި މިހާރު ކުރިއަށްގެންދާ އައިރީނާގެ 10 ވަނަ ސަމިޓުގައި އިއުލާނުކޮށްފިއެވެ.

އައިރީނާގެ 10 ވަނަ ސަމިޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަ ވަނީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ހުސެއިން ރަޝީދު ހަސަނާއި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު އަދި އައިރީނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހުސެއިން ނިޔާޒާއި އެންވަޔަރަމަންޓް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަންގެ އިސް އޮފިޝަލުންނެވެ.

އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ އައިރީނާ މެދުވެރިކޮށް މިމަޝްރޫއު ހިންގުމަށް 14 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނުއެހީ ވަނީ ހަމަޖެހިފައެވެ. އެއީ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް 216 މިލިއަން ރުފިޔާއެވެ. މިއެހީގެ ދަށުން އައްޑޫސިޓީ ހިތަދޫގައި ކުނިމެނޭޖުކުރުމުގެ ސަރަހައްދީ މަރުކަޒެއް ގާއިމުކުރެވިގެންދާނެކަމަށާއި އެއާއެކު އައްޑޫއާއި ފުވައްމުލަކުގެ އިތުރުން ހުވަދުއަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށާއި އެއަތޮޅުގައި ހިންގާ ރިސޯޓުތަކުގައި އުފެދޭ ކުނި މިމަރުކަޒަށް ޖަމާކުރެވޭނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި މިމަޝްރޫއުގެ ދަށުން އެއްކުރުމަށް ހަމަޖެހިފައި ވަނީ ކުނީގެ ތެރެއިން އަމިއްލަ ޒާތުގައި ހަލާކުވެގެން ނުދާ ބާވަތުގެ ކުންޏެވެ. އަދި މިމަޝްރޫއުގެ ދަށުން މިބާވަތުގެ ކުނި އަންދައިގެން ކަރަންޓާއި ފެން އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫއު އައްޑޫ ސިޓީގައި ހިންގުމަށް ރާއްޖެއިން އައިރީނާއަށް ހުށައާޅާފައި ވަނީ މިދިޔަ އަހަރުގެތެރޭގައެވެ. ރާއްޖެއަށް މި މަޝްރޫއު ކާމިޔާބުކުރެވިފައި ވަނީ އައިރީނާއަށް ހުށައަޅާފައިވާ އިއާދަ ކުރަނިވި ހަކަތައާއި ގުޅުންހުރި އެކި ކަހަލަ ޕްރޮޕޯސަލްތަކަށް ހުށައެޅި 95 ގައުމަކާއި ވާދަކޮށްގެންނެވެ. ރާއްޖެ އާއިއެކު މިއަހަރު އައިރީނާ އާއި އޭޑީއެފްޑީ ގުޅިގެން ހިންގާ ހަކަތައިގެ އެކި މަޝްރޫއުތަކަށް 104.5 މިލިއަން ޑޮލަރު 8 ގައުމަކަށް ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355