ނ. މާފަރުގައި ތަރައްގީކޮށްފައިވާ އިންޓަރނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުއްޓުވާފައި ވަނިކޮށް، އެންވަޔަރަމަންޓް މިނިސްޓަރު ހުސައިން ރަޝީދު އެ ހުއްދަ ދެއްވައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ހުށަހެޅި މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫއަށް އެދި އެންވާރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އާ ގުޅޭ ގޮތުން އީޕީއޭ އިން ނިންމާފައި ވަނީ އެ މަޝްރޫއަށް ހުއްދަ ނުދިނުމަށެވެ. ނަމަވެސް އެ ނިންމުމާއި ގުޅިގެން މިނިސްޓަރު ހުސައިން ރަޝީދު އިއްޔެ މާފަރަށް ވަޑައިގެން ހާލަތު ބެއްލެވުމަށް ފަހު ވަނީ މަޝްރޫއަށް ހުއްދަ ދެއްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ހުއްދަ ދީފައި ވަނީ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ކަމަށް ބެލެވޭ ނޭދެވޭ އަސަރު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރަށް މިނިސްޓްރީން ކަނޑައަޅާފައިވާ ފަދަ މެނޭޖްމަންޓް ޕްލޭނަކާއި މޮނިޓަރިން ޕްލޭނަކާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ޝަރުތުކޮށްފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އީޕީއޭގެ ނިންމުމުގައި ބުނި ގޮތުގައި މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް އެ ރަށުގެ ފަޅުން ބޮޑު ބައެއް ހިއްކުމުގެ ސަބަބުން ރަށުގެ ރައްޔިތުން ދިރިއުޅުމަށް ބޭނުންވާ ބިން ބޮޑުކުރުމަށް އޮތް ޖާގަ ގެއްލޭނެ ކަމަށެވެ. އަދި ބިން ހިއްކުމަށް ވެލި ނަގަން ނިންމާފައިވާ ސަރަހައްދަކީ ކަނޑުގެ ދިރުން މުއްސަނދި ވެލާކަހަނބު ގިނަ އަދަދަކަށް އުޅޭ ސަރަހައްދެއް ކަމަށް ވާއިރު މި ކަމުގެ ސަބަބުން ރަށުގެ ފަރަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބި އެ ސަރަހައްދުގެ ކަނޑުގެ ދިރުންތަކަށް ވެސް އަސަރު ކުރާނެ ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.
އީޕީއޭ އިން ބުނެފައި ވަނީ، މި މަޝްރޫއަށް 22،000 ރުއްގަސް ކަނޑަށް ޖެހޭ ކަމަށެވެ. މީގެ އިތުރުން، އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ސަރަހައްދަކީ ރަށުގެ މީހުންނަށް ގޯތި ދޫކޮށްފައިވާ ސަރަހައްދެއް ކަމަށާއި މިކަމަށް ވެސް ގިނަ އަދަދެއްގެ ރުއްގަސް ކަނޑަން ޖެހޭނެތީ މިއީ ތިމާވެށީގެ ގޮތުން ބަލާއިރު ރަށުގެ ފެހިކަަމަށް އަދި ބިންގަނޑަށް ވެސް އަސަރު ކުރާނެ ކަމެއް ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ.
މާފަރު އެއާޕޯޓް ބޮޑުކުރަން ހުށަހަޅާފައި ވަނީ ބޯއީން 777 މަރުކާގެ ބޯޓު ޖެއްސޭ ވަރަށް އެެ އެއާޕޯޓްގެ ރަންވޭގެ އިތުރުން އެހެނިހެން ވަސީލަތްތައް ތަރައްގީކުރުމަށެވެ. ނ. މާފަރުގައި ތަރައްގީކޮށްފައިވާ ބައިނަލްއަގުވާމީ އެއާޕޯޓް ހުޅުވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ.