ކުޅުދުއްފުށީ ކުނީގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ އިންސިނަރޭޓަރު އަދިވެސް ކުޅުދުއްފުއްޓަށް ގެނެސް އިންސްޓޯލްކޮށް ކުނިމެނޭޖްކުރުމުގެ މަސައްކަތް ނުފެށި ލަސްވުމަކީ ބޮޑު ކަންބޮޑުވުމެކެވެ. މިދިޔަ އަހަރު ފެބުރުއަރީމަހު އެންވަޔަރަމެންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން ކުޅުދުއްފުއްޓަށް ވަޑައިގެން ވަނީ ކުނިކޮއްޓަށް ޒިޔާރާތްކޮށް އެތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ.
އެތަނުގެ ހާލަތު ފެނިވަޑައިގަތް ވަރަށް ބޮޑަށް ކަންބޮޑުވުންފާޅުކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެތަން އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. އަދި ކައުންސިލާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވެފައިވަނީ ވަރަށް އަވަހަށް ކުނީގެ މައްސަލަ ހައްލުކުރުމަށް ކުޅުދުއްފުއްޓަށް އެންމެ ޒަމާނީ ފެންވަރުގެ އިންސިނޭޓަރެއް ފޮނުވާނެ ކަމަށެވެ. މިނިސްޓަރު އެހެން ވިދާޅުވިތާ މިހާރު އަހަރެއްވަނީ އެވެ. އެކަމަކު އަދިވެސް އިންސިނަރޭޓަރެއް ނުލިބެ އެވެ.
ކުނީގެ މައްސަލަ އެންމެ ބޮޑަށް ރައްޔިތުން ފާހަގަކުރަނީ އިރުވައި މޫސުމުގައި އެވެ. އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުން ބުނަމުންދަނީ މިއީ އިރުވައި މޫސުމްކަމުން ކުނިކޮށީގެ ވަހާއި އަރާދުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅެން ދަތިވެފައިވާކަމުގެ ޝަކުވާ އެވެ. މިއީ އަބަދުމެ ކުރަމުންދާ ޝަކުވާއެކެވެ. ކުނިކޮއްޓާއި ކައިރީގައި އޮންނަށް އަފީފުއްދީން ސްކޫލާއި އަބަދު މީހުން ގޮސް ކަސްރަތުކޮށް، ކުޅިވަރުކުޅޭ ސްޓޭޑިއަމް އަދިވެސް ސަރުކާރުގެ ގިނަ މުވައްސަސާތަކެއް އެތަނުގައި ހުރެ އެވެ.
ކުނިކޮށީގެ މައްސަލައަކީ އިޖުތިމާއީ ބޮޑު މައްސަލައެއް އެކަންޏެއް ނޫނެވެ. އެކަމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންވެސް ކަންބޮޑުން އޮންނަ ކަމެކެވެ.
"އުއްމީދު ކޮށްގެން އަޅުގަނޑު މިހުރީ މިއަހަރު ކިޔެވުން ފެށެންވާއިރަށް ކުނިކޮއްޓަށް ހައްލެއް ލިބި ދަރިންނަށް ހަމަނޭވާލެވިގެންދާނެކަމަށ. އެހެންނަމަވެސް ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި މިސަރުކާރުން ކުނިނައްތާލުމަށްޓަކައި މެޝިނެއް ގެންނަން ބަޔަކާ ހަވާލުކުރި. މެޝިންދ ދިޔައީ ޖައްވަކަމެއް ކަނޑުގެ އަޑިއަށް ކަމެއް ނޭނގޭ. ހަމަގައިމުވެސް އެނގޭހާވެސް ކަމަކީ ކުޅުދުއްފުށީ ކުނިކޮށީގައި އެމެޝިން އިންސްޓޯލްކޮށްފައި ނެތް ކަން." އަފީފުއްދީން ސްކޫލުގެ ބެލެނިވެރިޔަކު ބުންޏެވެ.
ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަތާރަވަނަ ދުވަހު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސަތޭކަ ނަވާރަ ދުވަސްތެރޭގައި ކުޅުދުއްފުށީގައި އިންސިނަރޭޓަރު ބެހެއްޓުމަށްޓަކައި 2.2 މިލިއަން ރުފިޔާއަށް މެކްސްޓާ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި މެކްސްޓާ މޯލްޑިވްސް އިން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އިބްރާހިމެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަންވެސް ބައިވެރިވެލެއްވި އެވެ.
މިކަމާގުޅިގެން ކޭއޯއިން ދެއްނެވި ސުވާލަކަށް ޖަވާބުދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ އެންވަޔަރުމެންޓް މިނިސްޓްރީން ކުނީގެ މައްސަލަ ހައްލުކޮށްދޭނެ ވާހަކަ ދައްކަވަމުންދާތާ އަހަރެއްވީ ކަމަށާއި އިންސިނަރޭޓަރު ކުޅުދުއްފުއްޓަށް ގެނެސް އިންސްޓޯލްކޮށްދިނުމަށް ބަޔަކާ ހަވާލުކުރި ފަހުންވެސް ފަސްމަސްވަނީކަމަށެވެ.
"މިއަންނަ ހަފްތާގައި، މިއަންނަ ހަފްތާ މެޝިން ގެންނަ ބުނާތާ އަހަރެއްވީ. ސެޕްޓެމްބަރުމަހު އިންސިނަރޭޓަރު ސަތޭކަނަވާރަ ދުވަހުގެތެރޭގައި ކުޅުދުއްފުއްޓަށް ގެނެސް އިންސްޓޯލް ކުރުމަށް ބަޔަކާ ހަވާލުކުރި އަބަދުވެސް މިނިސްޓްރީ ބުނަމުންދަނީ ކުރިއަށްދާކަމަށް." ރައީސް އަބްދުލް ލަތީފް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ ވަރަށް ފަހުން މިނިސްޓްރީން އެމެޝިން ބަހައްޓާނެ ގޮތުގެ ކުރެހުމެއް ކައުންސިލަށް ފޮނުވާފައިވާ ކަމަށާއި އެކަން ވާނީ ކިހާ ދުވަހަކުން ކަމެއް އެނގެން ނެތް ކަމަށެވެ.
ކުނިކޮށީގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދިޔުމަކީ ރައްޔިތުންގެ ބޮޑު އުންމީދެކެވެ. މިފަދަ ހާލަތު ދިމާވެފައިވާ އެހެން ބައެއް ރަށްތައްވެސް އެބަހުއްޓެވެ. ރައްޔިތުން ސަރުކާރުތައް ގެންނަނީ ފޮނި އުންމީދުގައި އެވެ. މިފަދަ މައްސަލަތައް ހައްލުކުރުމުގެވެސް އުންމީދުގަ އެވެ.