twitterviber whatsapp telegramfacebookyoutube instagram
18th February 2020

ގާނޫނީ ކޮލަމް - ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރިކުރުން

Jan 16, 2020

ރަށެއްގެ ތަރައްގީއަށް އެންމެ އިސްސަފުގައި މަސައްކަތްކުރާނެ ފަރާތަކީ އެރަށެއްގެ ކައުންސިލެވެ. ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ވިޔަފާރިކުރުމަކީ ކައުންސިލަށް ލިބޭ އާމްދަނީ އިތުރުވާނެކަމެކެވެ. ހަމައެހެންމެ ތަރައްގީގެ މަޝްރޫއުތައް އަވަސްމިނެއްގައި ކުރިއަށްގެންގޮސް ނިންމާލުމަށް ލިބޭ ވަރަށް މުހިންމު ބާރެކެވެ. ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރިކޮށް އާމްދަނީ ހޯދުމުގެ މަގުފަހިވެފައިވާއިރު ލޯކަލް އޮތޯރިޓީ ކުންފުންޏަކީ ކޮބައިކަމާއި މިފަދަ ކުންފުންޏަކުން ވިޔަފާރިކުރާނީ ކިހިނެއްތޯ ބަލަލަމާތޯއެވެ؟

ކުންފުނީގެ ހައިސިއްޔަތު

ލޯކަލް އޮތޯރިޓީ ކުންފުންޏަކީ އެކުންފުންޏެއްގެ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދައުވާލިބިގަތުމުގެ ޙައްޤު ލިބިގެންވާ ގާނޫނީ ޝަޚްޞެކެވެ. ކައުންސިލެއްގެ ލޯކަލް އޮތޯރިޓީ ކުންފުންޏަކަށް އެހެން ކުންފުންޏަކާއި ނުވަތަ އެހެންފަރާތަކާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ. ހަމައެފަދައިން އެހެން ކުންފުންޏަކަށް ނުވަތަ އެހެން ފަރާތަކަށްވެސް ކައުންސިލެއްގެ ލޯކަލް އޮތޯރިޓީ ކުންފުންޏަކާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ. މީގެއިތުރުން ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް އެކުންފުނިތަކުގެ އަމިއްލަ ނަމުގައި އުފުލޭ މުދަލާއި، ނުއުފުލޭ މުދާ މިލްކުކުރެވިދާނެއެވެ.

ސަރުކާރު ކުންފުންޏެއް

އެންމެ ކައުންސިލަކުން ނުވަތަ ގިނަ ކައުންސިލްތަކެއް އެކީގައި އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ވެގެންދާނީ ސަރުކާރު ކުންފުންޏަކަށެވެ. މިފަދަ ކުންފުންޏެއް އުފެއްދޭނީ އެކަމަށްޓަކައި ފާސްކުރާ ޤާނޫނަކުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ އެކަށައަޅާ ގާރާރަކުންނެވެ. މިފަދައިން އެކުލަވާލާ ގާނޫނެއްގައި ނުވަތަ ގާރާރެއްގައި ކުންފުނީގެ ނަމާއި ކުންފުނި އުފައްދާ ބޭނުމާއި ކުންފުނި އުފައްދާއިރު ކުންފުނީގެ ފައިސާގެގޮތުގައި ބަހައްޓާ ރުފިޔާ ނުވަތަ ރައުސުލްމާލުގެ އަދަދާއި ކުންފުނި ހިންގުމުގެ ގާވާއިދު ބަޔާންވެފައި އޮންނަންވާނެއެވެ.

އެންމެ ކައުންސިލަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުން

އެންމެ ކައުންސިލަކުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދާނަމަ އެ ލޯކަލް އޮތޯރިޓީ ކުންފުނީގެ ހަމައެކަނި ހިއްސާދާރަކަށް ވެގެންދާނީ އެކުންފުންޏެއް އުފައްދާ ކައުންސިލެކެވެ. އެކުންފުންޏެއް ހިންގުމުގެ އެންމެހާ ކަންކަމާއި ކުންފުނިން ލިބޭ މަންފާތަކާއި ދަރަނީގެ ޒިންމާވެސް އުފުލަންޖެހޭނީ އެކުންފުންޏަކުންނެވެ.

މިސާލަކަށް ކުޅުދުއްފުށީ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދައިގެން އެ ކުންފުނި މެދުވެރިވެ ވިޔަފާރިކުރާނަމަ އެކުންފުންޏަށް ލިބޭ އެންމެހާ މާލީ ފައިދާއެއް ލިބޭނީ އެކުންފުންޏަށް އެކަންޏެވެ. ކުންފުނި ދަރަނިވެރިވި ކަމުގައިވިޔަސް އެދަރަނިވެސް އަދާކުރަންޖެހޭނީ ހަމައެކުންފުނިންނެވެ.

ގިނަ ކައުންސިލްތަކެއް އެކުވެ ކުންފުނި އުފެއްދުން

ގިނަ ކައުންސިލްތަކެއް އެކުވެގެން، ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދާނަމަ، އެހުރިހާ ކައުންސިލެއް، ކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ހިމެނޭނެއެވެ. އެހެންކަމުން، ކުންފުނިން ލިބޭ ފައިދާއާއި ގެއްލުމުގައި، އެ ހުރިހާ ކައުންސިލަކުންވެސް ޒިންމާވާންޖެހޭނެއެވެ. މިސާލަކަށް، އަތޮޅެއްގައި ހިމެނޭ ހުރިހާ ރަށެއްގެ ކައުންސިލްތައް އެކުވެގެން، އެހުރިހާ ކައުންސިލްތައް ޙިއްޞާވެގެން، ލޯކަލް އޮތޯރިޓީ ކައުންސިލެއް އުފެއްދިދާނެއެވެ. މިސާލަކަށް، މިލަދުންމަޑުލު އުތުރުބުރީގެ ހުރިހާ ރަށްތަކެއްގެ ކައުންސިލްތައް އެކުވެގެން، އެއަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް، ނަރުދަމާގެ ޚިދުމަތް ދިނުމަށްޓަކައި، ކުންފުންޏެއް އުފެއްދިދާނެއެވެ.

ޙިއްޞާ ބަދަލުކުރުން

ލޯކަލް އޮތޯރިޓީ ކުންފުންޏެއްގެ ޙިއްޞާއެއް، އެހެން ލޯކަލް އޮތޯރިޓީ ކުންފުންނަކަށްވެސް ނުވަތަ އެހެން އަމިއްލަ ކުންފުންޏަކަށް ނުވަތަ ޢާންމު ފަރާތަކަށްވެސް ވިއްކިދާނެއެވެ. ނުވަތަ ބަދަލުކުރެވިދާނެއެވެ. ނަމަވެސް، އަމިއްލަ ފަރާތަކަށް، ޙިއްޞާއެއް ވިއްކާނަމަ، ނުވަތަ ބަދަލުކުރާނަމަ، އެކަން ކުރެވޭނީ، ލޯކަލް އޮތޯރިޓީ ކުންފުނި، ދިވެހި ރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެދަށުން ރަޖިސްޓްރީ ކުރުމަށްފަހުގައެވެ.

ނިންމުން

ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދާ، ކައުންސިލުން ވިޔަފާރިކުރުމަކީ، ކައުންސިލްގެ ބަޖެޓަށް އިތުރު ތަނަވަސްކަމެއް ލިބިގެންދާނެކަމެކެވެ. ރަށުގެ ތަރައްޤީގެ ޙަރަކާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން، އެހެން ފަރާތަކަށް ބަރޯސާވުމެއްނެތި، ކައުންސިލްގެ އަމިއްލަ މަސައްކަތުން ހޯދައި، އިތުރުކުރެވިދާނެގޮތެކެވެ. މިއީ އެކައުންސިލެއް ނިސްބަތްވާ ރަށާއި، އެ ރަށެއްގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް، ހެޔޮބަދަލެއް ގެނެވިދާނެކަމެކެވެ.

އެޑިޓޯރިއަލް ނޯޓް: މިއީ އާންމު ހޭލުންތެރިކަން އިތުރު ކުރުމުގެ މަގްސަދުގައި ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ ގާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ގާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ އެކަމަކަށްވަކިން ގާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355