ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އަށް މަލްޓި ޕާޓީ ޑިމޮކްރަސީއެއްގެ ކަންކަން އޮންނަގޮތް އެނގިވަޑައި ނުގަންނަވާ ކަމަށް ޕީޕީއެމްގެ ނައިބް ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ރައީސް ސޯލިހް ބދުވަހުގެ ބުދަ ދުވަހުގެރޭ ދެއްކެވި ވާހަކަފުޅު އަޑުއެއްސެވުމަށްފަހު ކޭއޯއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
އެމްޑީޕީގެ ތިލަދުންމަތީ ދަތުރުގައި ރައްޔިތުން މަޖިލީހުގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، ޝިޔާމް ވަނީ ރައީސްއަށް ފާޑުވިދާޅުވެފައެވެ.
"ނޫސްތަކުންވެސް ހެޑްލައިންތައް ކިޔާލިން. ހިތަށް އެރީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއްބާއޭ. ޑިމޮކްރަސީގެ ކަންތައްތައް އޮންނަގޮތް އެމްޑީޕީގެ އެންމެ އިސްވެރިއަކަށް ހުންނެވި ބޭފުޅާއަށް އެގިވަޑައިނުގަންނަވަނީބާއޭ؟" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިސަރުކާރު ނުހިނގާތަން އެބަފެންނަކަމަށާއި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދޭތަން ފެންނަކަމަށެވެ. އެހެން ވީމަ މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ރޯލު ޕީޕީއެމްއިން އަދާކޮށް ސަރުކާރު ޒިންމާދާރު ކުރާނެއެވެ.
"މިއަދު އެހެން ވިދާޅުވުމުން އެއީ ވަރަށް ދެރަވަރު ކަމެއް. މިގައުމުގެ އާ ގާނޫނު އަސާސީ 2008 ވަނަ އަހަރު އައިފަހުން މިއޮތީ މަލްޓިޕާޓީ ޑިމޮކްރަސީއެއް. ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ބޭފުޅަކު އެފަދަ އެބީދާއަކުން ވާހަކަފުޅު ދެއްކެވީމަ، އެއީ ޑިމޮކްރަސީއަށް މަލާމާތް ކުރުން ކަހަލަ ވަރަށް ދެރަވަރުކަމެއްކަމަށް." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވެފައި ހުރި ކަންތައްތައް ސަރުކާރުގެ ކެންޑިޑޭޓުންނަކަށް ސަރުކާރަށް އަޑުއިވޭވަރަށް ބާރަށް ވިދާޅުވާން ކެރިވަޑައެއް ނުގަންނަވާނެއެވެ.
"އެހެންވީމާ ބޭނުންވަނީ އަޅުގަނޑުމެންގެ ކެންޑިޑޭޓުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގައި ކާމިޔާބުކުރުން. އެމަންދޫބުންނަކީ މިދަންނަވާ ކަންތައްތައް ކުރާނެ މަންދޫބުން. އެއީ މިއިންތިހާބަށް ކުރިމަތިލާ ސަބަބަކީ."