ކުނީގެ މައްސަލައަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. އެތަކެއް ޒަމާނެއްވީ ކުނިތައް ޖަމާވެ މިހާރު ވަނީ ބޮޑެތި ފަރުބަދަތަކަކަށްވެފަ އެވެ. އެކަމުގެ ސަބަބުން ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ އެވެ.
އެކަމަކު ކައުންސިލްތަކަށް ދިން ބޮޑު ބަޖެޓާއެކު މިއަހަރު ކައުންސިލުން މިވަނީ ކުނި މެނޭޖްކުރުމުގެ މަސައްކަތް ފަށަން ނިންމާފަ އެވެ. އެގޮތުން މިއަހަރު ކައުންސިލުން އެކުލަވާލި މަސައްކަތު ތާވަލް ނުވަތަ ބަޖެޓްގައި މިވަނީ ކުނި މެނޭޖްކުރުމުގެ ބުރަ އަދި އުނދަގޫ މަސައްކަތާ ކުރިމަތިލާފަ އެވެ.
ކައުންސިލުން ކޭއޯއާ ހިއްސާކުރި ލިޔުންތަކަށް ބަލާއިރު ކުނި މެނޭޖްކުރުމުގެ މަސައްކަތައް ފަށާގަތުމަށް ބަޖެޓްގައި މިވަނީ ތިން މިލިއަންވުރެއް ގިނަ ރުފިޔާ ހިމަނާފަ އެވެ.
ތިން އަހަރަށް ބަހާލައިގެން ކުނި މެނޭޖްކުރުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާއިރު އެމަސައްކަތަކަށް އެސެސްމެންޓް ހެދުމާއި ވޭސްޓް މެނޭޖްމެންޓް ޕްލޭން އެކުލަވާލުން ހިމެނެ އެވެ.
އަދި ޖަމާވެފައިވާ އެތަކެއް ޓަނެއްގެ ކުނި ސާފުކުރުމާއި ކުނިކޮށި ޑިޒައިންކޮށް އިމާރާތްކުރުމާއި މުވައްޒަފުން ނެގުމާއި މުވައްޒަފުންނަށް ބޭނުންވާނެ ތަމްރީނު ހޯދުންވެސް ހިމެނެ އެވެ. ކުނި މެނޭޖްކުރުމަށް ބޭނުންވާ މެޝިނަރީސް އާއި ވެލިކަލްވެސް ހޯދުމަށް ކައުންސިލުން ނިންމާފައިވެ އެވެ.
ކުޅުދުއްފުށީގައި މިހާރު ކުނި ނައްތާލަމުންދަނީ އަނދައިގެންނެވެ. އެކަމުގެ ސަބަބުން މުޅި ސަރަހައްދަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެ އެވެ.