ކުޑަކުދިންނަށް ކުރާ އެކިކަހަލަ ގޯނާއާއި ގެވެށި އަނިޔާއަށް އާންމުން ހޭލުންތެރިކުރުމަށް ބާއްވާ ބައްދަލުވުމެއް މިރޭ ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިއްޖެ އެވެ.
ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާ ގުޅިގެން ހިންގާ މޮބައިލް ލީގަލް އެއިޑް ކްލިނިކްގެ ފަރާތުން ބާއްވާ މި ބައްދަލުވުން އޮންނާނީ މިރޭ 20:30 ގައި އަފީފުއްދީން ސްކޫލް ހޯލުގައި އެވެ.
ޕަބުލިކް އިންޓެސްޓް ލޯ ސެންޓަރުގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ މި ބައްދަލުވުމުގައި ކުޑަކުދިން ކުރާ ގޯނާއާއި ގެވެށި އަނިޔާގެ މައްސަލަތަކުގައި ގާނޫނީ ގޮތުން ހުރި ކަންތައްތަކަށް އަހުލުވެރިކުރުވާއި އެފަދަ މައްސަލަތަކުގައި ގާނޫނީގޮތުން އަމަލުކުރާގޮތުގެ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށެވެ.
މި ޕްރޮގްރާމަކީ ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާއިން ރައްކާތެރިވުމުގައި އަމަލުކުރަންޖެހޭނެ ގޮތްތަކަކީ ކޮބައިކަމާއި ރައްކާތެރި މާހައުލެއް ޤާއިމްކުރާނެ ގޮތްތަކާއި ގުޅޭ ގޮތުންވެސް މައުލޫމާތު ދެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މާދަމާ ހޮނިހިރު ބާޒާރު ސަރަހައްދުގައިވެސް މައުލޫމާތު ފޯރުކޮށްދިނުން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހޮނިހިރު ބާޒާރު ސަރަހައްދުގައި ކުރިއަށްދާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އުމުރުން ދުވަސްވީ މީހުންނާއި އަދި އެކަނިވެރި މައިންނާއި ބަފައިންނަށް އިނާޔަތާއި އެހީ ހޯދުމަށް ފޯމު ފުރުމަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ
ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 25 ޖަނަވަރީ 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަކުން މެންދުރު 2:00 ހޮނިހިރު ބާޒާރު ސަރަހައްދު ގައެވެ.
ދެ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި 10 ޤާނޫނީ ވަކީލުން ބައިވެރިވެ އެވެ.