twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ދަސްވާރު ޕްރޮގުރާމުގެ ނޭދެވޭ އަސަރު ދަރިވަރުންނަށްކުރި: މިނިސްޓްރީ

ނަބީލާ އިސްމާޢީލް
Jan 25, 2020
1

ކުރީގެ ރައީސް ޔަމީންގެ ސަރުކާރުން ފެށި ދަސްވާރު ޕްރޮގުރާމްގެ ނޭދެވޭ އަސަރު ވަރަށް ގިނަދަރިވަރުންނަށް ކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ތައުލީމީގޮތުން ނަތީޖާ ދަށް ދަރިވަރުންނަށް އަމާޒުކޮށްގެން ފެށި ދަސްވާރު ޕްރޮގުރާމުގައި ސްކޫލްތަކުގެ ނަތީޖާ މަތިކުރުމަށް ބައެއް ދަރިވަރުންނަށް ދަސްވާރު ޕްރޮގްރާމްގައި ބައިވެރިވާން މަޖުބޫރުކުރި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

2014 ވަނަ އަހަރުން ފެށިގެން ހިންގަމުން އައި ދަސްވާރު ޕްރޮގްރާމު އުވާލަން ނިންމުމާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދަސްވާރު އަމާޒުކޮށްފައިވަނީ ތައުލީމީގޮތުން ދަށް ކަމަށް ބަޔަކު ފާހަގަކުރާ ދަރިވަރުންނަށް ވުމުން އެކަމުގެ ނޭދެވޭ އަސަރު ގިނަ ދަރިވަރުންނަށް ކުރި ކަމަށެވެ. އަދި އެ ޕްރޮގްރާމުގައި ކުދިން ބައިވެރިކޮށްފައިވަނީ ވެސް އެންމެ އެދެވޭ ގޮތުގައި ނޫންކަމަށް ބަޔާނުގައިވެ އެވެ.

އިތުރަށް އެބަޔާނުގައި ބުނި ގޮތުން ސްކޫލުގެ ނަތީޖާ މަތިކުރުމަށް ގައުމީ މަންހަޖުގައި ހިމެނޭ މުހިއްމު މާއްދާތައް ނުކިޔަވައި ދަސްވާރު ހެދުމަށް މަޖުބޫރު ކުރުމުން ދަރިވަރުންގެ ސާނަވީ ތައުލީމްގެ މަރުހަލާ އަށް ވަރަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ. ދަސްވާރު ނިންމާ ބައެއް ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޓްރަސީ އާއި ނިއުމަރަސީ ނޭނގުމުގެ ސަބަބުން ވަޒީފާ ލިބުމުގައި ދަތިތަކެއް ދިމާވަމުންދާ ކަން ފާހަގަކޮށްފައިވެ އެވެ.

މިހާރުގެ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ދަރިވަރުން ވެސް ސްކޫލު ނިމޭއިރު އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ މިންވަރަށް ތައުުލީމް ފޯރުކޮށްދިނުން ކަމަށާއި އެހެންކަމުން އިންކްލޫސިވް އެޑިއުކޭޝަންގެ ސިޔާސަތާ ގުޅިގެން ދަސްވާރު އުވާލަން ނިންމީކަމަށެވެ. ދަސްވާރު އުވާލި ނަމަވެސް ބައެއް ސްކޫލުތަކުގައި ކާމިޔާބުކަމާއެކު އެ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާ ކަން މިނިސްޓްރީން ފާހަގަކުރެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނީ ގްރޭޑު 10 ނިންމައި ސާނަވީ އިމްތިހާނު ހަދާ ކޮންމެ ދަރިވަރަކު ވެސް މަދުވެގެން ފަސް މާއްދާއިން އިމްތިހާނު ހަދަންޖެހޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖުބޫރު ހަތަރު މާއްދާގެ އިތުރުން އެހެން މާއްދާއެކެވެ.

މަޖުބޫރު ހަތަރު މާއްދާ ކަމުގައިވާ، އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބުގެ އިތުރުން ނަތީޖާ ދަށް ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ ދަސްވާރުގައި އެ ސްކޫލަކުން ދަރިވަރުން ބައިވެރިކުރުވަނީ ގްރޭޑު ނުވެއްގެ ނަތީޖާ އަށް ބެލުމަށް ފަހުގަ އެވެ. އެ ޕްރޮގްރާމުގައި ބައިވެރިކުރަންޖެހޭ ކަމަށް ފެންނަ ނަމަ އެކަމުގެ ލަފައެއް ސްކޫލުން ދޭނެ އެވެ. ނަމަވެސް، އޭގައި ދަރިވަރުން ބައިވެރިކުރެވޭނީ ބެލެނިވެރިޔާގެ ރުހުން ހޯދައިގެންނެވެ.

ދަސްވާރު އުވާލުމަށް ފަހު ދަރިވަރުންނަށް ހުނަރު ދަސްކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ. ގިނަ ބައެއްގެ ލަފަ އާއި އިރުޝާދުގެ އަލީގައިި ކޮންމެ ކުއްޖަކަށް ވެސް ދިރިއުޅުމަށް ބޭނުން ހިފޭ ހުނަރު ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ.

ދަސްވާރު ތައާރަފުކުރުމުން ވެސް އޭރު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި އެއް ސަބަބަކީ އެއީ އޯ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ޖުމްލަ ނަތީޖާ ރަނގަޅުކުރަން ކުރި ކަމެއް ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ނަތީޖާ ދަށް ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދޭ ޕްރޮގްރާމަކަށް ވާތީ ރަނގަޅު ޕްރޮގްރާމެއް ކަމަށް ބައެއް މީހުން ދެކުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355