twitterviber whatsapp telegramfacebookyoutube instagram
25th April 2024

ތިއީ "ލޯބިން" ހެދޭ ބޮޑު ގޯހެއް!

Jan 26, 2020

މިދުވަސް ވަރު މީސްމީޑިޔާގައި އެންމެ ގަދަޔަށް ދެކެވެނީ ކުޑަކުދިންގެ ވާހަކައެވެ. އެކުދިންނަށް ދޭންޖެހޭ ރައްކާތެރިކަމާއި ސަމާލުކަން ދިނުމުގައި އެންމެން ޒިންމާވާންޖެހޭ ވާހަކައެވެ. ރާއްޖޭގައި ޒަމާންވީ ޖިންސީ ގޯނާގެ ވަބާއިން ކުޑަކުދިން ރައްކާތެރިކުރުމަށް ކިތަންމެހާވެސް މުހިއްމު ވާހަކަތަކެކެވެ. ރަނގަޅެވެ. މީސްމީޑިޔާ އޮތަތީ ކޮންމެ ވާހަކައެއްވެސް ވަރަށް ބާރަށް ދެއްކިދާނެއެވެ. ނަމަވެސް މިއަދުގެ ބެލެނިވެރިންގެ ހާލަތު ހުރީ ކިހިނެތްތޯއެވެ؟ ދަރިން ދެކެ މިވަނީ ކޮންކަހަލަ ލޯތްބެއްތޯއެވެ؟ ދަރިންނަށް މިދެވެނީ ކޮންކަހަލަ ސަމާލުކަމެއްތޯއެވެ؟

ޒަމާނަށްއައި ބަދަލާއެކު މިއަދުގެ ބެލެނިވެރިންނަކީ ޢާމްދަނީ ހޯދުމަށް އެކިކަހަލަ މަސައްކަތްކުރާ ބައެކެވެ. އެހެންކަމުން ދުވާލުގަޑީގައި ކުދިންގެ ކަންކަން ބަލަހައްޓަނީ އާއިލާގެ މެންބަރެއް ނުވަތަ ދުރު ހިލޭ މީހެކެވެ. މައްސަލައަކީ އެޔެއްނޫނެވެ. މައްސަލައަކީ ކުދިންގެ އާދޭހާއި، ކުދިންދެކެ ވާ ލޯބިންނާއި، ދަރިންބަލާ މީހުންގެ ފަސޭހަޔަށާއި، އަދި މަސައްކަތް ނިންމުމަށްފަހު ގެއަށް އައިސް ބޯހަމަޖައްސާލުމުގެ ބޭނުމުގައި ދަރިންނަށް ގަނެދެވޭ ފޯނާއި ޓެބުލެޓުފަދަ އިލެކްޓްރޯނިކު ސާމާނެވެ. އެފަދަ އެއްޗެއް ކުއްޖަކަށް ހަމަދިނުމާއިއެކު ކުއްޖާގެ ސަމާލުކަން ހުއްޓެނީ އޭގެ އިސްކިރީނަށެވެ. ވާހަކައެއް ނުދައްކައެވެ. ހަޅޭކެއްނުލަވައެވެ. ތަނެއް ހަޑިއެއްނުކުރެއެވެ. ގިނަކުދިން ކެއުމުގައިވެސް ބޮޑަލެއް ނުހާކައެވެ. އަދި ހެޑުފޯނެއް ދިނުމުން އެބަލާ ވީޑިޔޯއެއް ނުވަތަ އެކުޅޭ ގޭމެއްގެ އަޑެއްވެސް ނީވެއެވެ.

މިފަދަ އިލެކްޓްރޯނިކު ސާމާނުގެ ސަބަބުން ބޮޑެތި މީހުންނަށް ކިތަންމެހާވެސް ފަސޭހައެވެ. ދޮރުތައް ތަޅުލުމަށްފަހު އޮށޯވެ ނިދަންވީއެވެ. އެއޮތީ އެކުދިންނަށް ރައްކާތެރިކަން ދެވިފައެވެ. ނުވަތަ އެކުދިންގެ ގާތުގައި އިނދެ ފޭސްބުކާއި ވައިބާއަށް ވަދެ ރައްޓެހިންނާއި ޗެޓު ކުރަންވީއެވެ. އެއޮތީ ދަރިންގެ ގާތުގައި ވަގުތު ހޭދަ ކުރެވިފައެވެ. ދަރިންނަށް ކާންލަވަމުން ޑްރާމާވެސް ބަލަންވީއެވެ. އެއޮތީ ދަރިންގެ ކަންކަން ކޮށްދެވިފައެވެ. ދަރިންނަށްވެސް އަދި އެކުދިން އެސާމާނުގެ ބޭނުން ހިފާ ގޮތާއިމެދުވެސް މާބޮޑު ސަމާލުކަމެއް ދޭން ބޮޑެތި މީހުންނަށް ނުވެސް ފެންނަ ކަހަލައެވެ. ބޭނުންވެސް ނުވާ ކަހަލައެވެ.

ވިސްނަވާށެވެ! އަމިއްލަ ފޯނަށް ގެއްލިފައި އިނދެގެން ދަރިންނާއި އެކުވެސް އަދި އެހެން މީހާކާ އެކުވެސް ހޭދަ ކުރެވޭ ވަގުތުގެ އެެއްވެސް އަގެއްނެތެވެ. ދަރިންދެކެ ލޯބިންވިޔަސް އަދި އެހެން ސަބަބަކާ ހުރެ ވިޔަސް ދަރިންގެ އަތަށްދޭ އިލެކްޓްރޯނިކު ސާމާނަކީވެސް ތިޔަބުނާވަރުގެ އެއްޗެއް ނޫނެވެ. އެކަމުން ދަރިންނަށް ކުރާ ނޭދެވޭ އަސަރު އެނގޭނަމަ، ދަރިންއަތަށް ފޯނުދިނީމަ ހާދަ ބަސްއަހައޭ ބުނެ ފޮންޏެއް ނުކަނޑާނެއެވެ.

އިލެކްޓްރޯނިކު ސާމާނުގެ ސަބަބުން ކުދިންނަށް ލިބޭ ގެއްލުން

ވިސްނުމަށް އަންނަ ބަދަލު – ހުޅަނގުގެ ފިކުރީ ހަނގުރާމަ

ބައެއް ކުދިންނަށް ޓެބްލެޓެއް ނުވަތަ ފޯނެއް ދިނުމުން އެކުދިން ތިބެނީ އެކަހެރިވެގެންނެވެ. ނުވަތަ އެކުދިން އެއިން ކުރަނީ ކީއްތޯބަލާނެ މީހަކު ނޫޅެއެވެ. ގިނަފަހަރު ކުދިން ބަލަނީ ޔޫޓިއުބު ވީޑިއޯއެވެ. ފެންނަ ފެނުމުގައި އެއީ މޭކަޕް ވީޑިޔޯއެއް، ލަވައެއް، ނަށާ ވީޑިޔޯއެއް ނުވަތަ އެހެން ކޮންމެވެސް މައުސޫމު ވީޑިޔޯއެކެވެ. އަދި އެވީޑިއޯ ތަކުން ދޭމެސެޖަކީ ބުލީ ނުކުރުމާއި މީހުން ތިބިގޮތަކަށް ބަލައިގަތުން ނުވަތަ އެކްސެޕްޓުކުރުން ކަމުގައި ވެދާނެއެވެ.

ނަމަވެސް އިތުރަށް ވިސްނާލާއިރު، މޭކަޕްކުރަނީ ފިރިހެނެއް ކަމުގައި ވެދާނެއެވެ. ލަވައިގައި ދައްކަނީ ކުޑަކުދިންނާ އެކަށީގެންނުވާ ލަދުވެތި ވާހަކަ ކަމުގައި ވެދާނެއެވެ. ނަށަނީ މާގައިގޯޅިވެގެން ކަމުގައި ވެދާނެއެވެ. ހެދުންއަޅަނީ މުސްލިމުންނާއި ނުގުޅޭ ގޮތްގޮތަށް ކަމުގައިވެސް ވެދާނެއެވެ. އެކްސެޕްޓު ކުރަން ބުނަނީ އަންހެނުންނަށް ވެގެން އުޅޭ ފިރިހެނުންނާއި، ފިރިހެނުންނަށްވެގެން އުޅޭ އަންހެނުންނާއި، އެއްޖިންސުން ގުޅުން ހިންގާ މީހުން ކަމުގައިވެސް ވެދާނެއެވެ. އަދި ދަސްކޮށްދެނީ އެންމެންނަށް ޙިޔާލުފާޅުކޮން، ބޭނުން ކަމެއް ޤަބޫލު ކޮށްގެން އެއްމުޖުތަމައެއްގައި އުޅުމުގެ ފުރުޞަތު އޮންނަން ޖެހޭނެކަން ކަމުގައިވެސް ވެދާނެއެވެ.

އެހެންކަމުން ކުދިން ބޮޑެތިވެ، މަދަރުސާތަކުން އައުރައާއި، އެއްޖިންސުން ގުޅުންހިންގުމުގެ ނުބައިކަމާއި އެހެނިހެން ކަންކަމުގައިވެސް ދީނުގައި އޮތްގޮތް ދަސްވާއިރު ތިބޭނީ ހުޅަނގުގެ ގޮތައް ހޭނި، އެއީ ރަނގަޅުގޮތްކަމުގައި ބަލައިގަނެ، ހުޅަނގުން ބޭނުންވާ ގޮތަށް އެކުދިންގެ ފިކުރުތަކާއި މުޅިން ކުޅެ، ސިކުނޑިތައްދޮވެ ނިންމާފައެވެ. އޭރުން އެމް.ޑީ.އެންއާ ދެކޮޅަށްވެސް އަދި އެހެންބަޔަކާ ދެކޮޅަށްވެސް ބަހެއްބުނާނެ ޒުވާނެއް މާދަމާ މިޤައުމަކު ނުހުންނާނެއެވެ.

ނިދުމުގައި ދިމާވާ މައްސަަލަތައް

ޓެބްލެޓު ފަދަ ސާމާނުން ސިކުނޑިއަށް ފޮނުވާ ނޫއައްޔެއްގެ ސަބަބުން ރޭގަނޑުގެ ވަގުތަކީވެސް ދުވާލުގެ ވަގުތުކަމަށް ސިކުނޑިއަށް ވިސްނައިދެއެވެ. މީގެ ސަބަބުން މާގިނައިން މިސާމާނު ބޭނުންކުރުމާއި އަދި ނިދާ ގަޑިއާއި ކައިރިކޮށް އެބޭނުން ކުރުމުގެ ސަބަބުން ނިދަން އުނދަގޫވެ އަދި ލިބޭ ނިދީގެ ފެންވަރުވެސް ދަށްވެއެވެ.

ނަފްސާނީ ގޮތުން ލިބޭ ގެއްލުން

މާގިނަ ވަގުތު އިލެކްޓްރޯނިކު ސާމާނު ބޭނުންކުރާނަމަ ކުދިންގެ މޫޑަށް އޭގެ ނޭދެވޭ އަސަރުކޮށް، ފަސޭހައިން ރުޅިއައިސް އަދި އުޅުންވެސް ގޯސްވެދާނެއެވެ. އަދި މީގެ އިތުރުން، ޑިޕްރެޝަން އާއި، އެންޒައިޓީ އަދި އޭޑީއެޗްޑީ ފަދަ ސީރިއަސް މައްސަލަތައް ދިމާވުމުގެ ފުރުޞަތުވެސް ބޮޑުވެއެވެ.

އިތުރު ބައެއް ގެއްލުންތައް

މީގެ އިތުރުން، އެއްތަނެއްގައި ހަރަކާތްތެރިވުމެއްނެތި ގިނަވަގުތު ހޭދަކުރުމުގެ ސަބަބުން މާބޮޑަށް ފަލަވުންފަދަ ޞިއްހީ މައްސަލަތައްވެސް ދިމާވެއެވެ. ސިކުނޑީގެ މާބޮޑު ބޭނުމެއްުނުކޮށް ގިނަ ވަގުތުތަކެއް ހޭދަ ކުރުމުގެ ސަބަބުން ކުދިންގެ އުފެއްދުންތެރި ވިސްނުމާއި ތަނަވަސް ޙިޔާލަށްވެސް ބުރޫއަރައެެވެ. ހިސާބުފަދަ މާއްދާތަކަށް ބޭނުންވާ ވިސްނުމާއި ހުނަރުވެސް ހުންނަނީ ތަރައްޤީ ނުވެއެވެ. އަދި ވާހަކަ ނުދައްކާ ގިނަވަގުތު ހޭދަކުރުމުގެ ސަބަބުން ބައެއް ކުދިން މުޅިން ނެގިމަޑުވެ، މީހަކާ ވާހަކަ ދައްކަން ނޭނގި އަދި ބޭނުންނުވެފައިވެސް އެބަތިބެއެވެ.

ނިންމުން

ވީއިރު އިލެކްޓްރޯނިކު ސާމާނުގެ ސަބަބުން ބޮޑެތި މީހުންނަށް ލިބޭ ވަގުތީ ފައިދާއާއި، ކުދިންނަށް ލިބޭ ވަގުތީ ހިތްހަމަޖެހުމުގެ ނުފުށުގައި އޮތީ ކުދިންގެ އުމުރު ދުވަހަށްދެމިގެން ހިނގައިދާނެ ފަދަ ނޭދެވޭ އަސަރުތަކެކެވެ. ދަރިން ރައްކާތެރި ކުރުންވީ ހަމައެކަނި ޖިންސީ ގޯނާއަކުން ނޫނެވެ. ގޭތެރެތަކުން ޖާގަ ހޯދައި ކުދިންގެ ސިކުނޑި ތަކުގައި ވަކިހިތްޕާލާފައި މިވާ އިލެކްޓްރޯނިކް ސާމާނާއި އެއިން ފަތުރާ ހުޅަނގުގެ ޙިޔާލުންވެސް މެއެވެ.


ލިޔުނީ: ނޫނުހާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355