ކުޅުދުއްފުށީ، ނޫރު މިސްކިތުގެ ސަފު ލައިނުގައި ރީނދޫ ކުލައިގެ މުށި ޖެހުމުން އެ މިސްކިތްތަށް ނަމާދަށް އަރައި ބައެއް މީހުން ހިތްހަމަނުހިއްޖެ އެވެ. ނޫރު މިސްކިތުގެ މުށި ބަދަލުކުރުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރުމަހު ކައުންސިލުން ހަވާލުކޮށްފައިވަނީ ކަލެކްޓިންގ ކޮމްޕެނީއާ އެވެ.
މިސްކިތް މަރާމާތު ކުރުމަށް ބަންދުކުރުމަށްފަހު ތަށިމުށިތައް ބަދަލުކޮށް ޖަމާއަތުގައި ސަފު ހެދުމަށް ފާހަގަ ކުރުމަށް ޖަހާފައިވާ ސަފުލައިނުގައި ރީނދޫކުލައިގެ ތަށިމުށި ޖަހާފައިވާތީ ބައެއް މީހުން ވަނީ އެއީ ސިޔާސީކަމެއްކަމަށް ސިފަކޮށް ކައުންސިލަށް ފާޑުކިޔާފަ އެވެ.
އެ މިސްކިތަށް ނަމާދުކުރަން އަރާ މީހުން ކޭއޯއާ ވާހަކަ ދައްކަމުން ބުނީ މިސްކިތް މަރާމާތުކޮށް ތަށި މުށި ބަދަލުކޮށް ހެދުމުން އުފާ ވާކަމަށެވެ.
"އެހެންނަމަވެސް ސަފު ހެދުމަށް ފާހަގަކުރާ ލައިނުގައި ރީނދޫ ކުލައިގެ ތަށިމުށި ޖަހާފައި ހުރުމުން އެކަން ބަލައިނުގަނެވޭ. މިއީ ސިޔާސީ ހަރުގެއެއް ނޫން. މުސްލިމުން އަޅުކަން ކުރުމަށްހަދާފައިވާ މާތް ތަންތަން. މިއީ ސިޔާސީ ޕާޓީތަކުގެ ކުލަ ހިމެނޭގޮތަށް ހަދަންޖެހޭ ތަންތަނެއްނޫން." މިސްކިތަށް ނަމާދަށް އަރާ ބައެއް މީހުން ހިތްހަމަނުޖެހި ތިބެ މިނޫހާ މައުލޫމާތު ހިއްސާ ކުރަމުން ބުންޏެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ނައިބްރައީސް އަލީ ހާޝިމް ވިދާޅުވީ ނޫރު މިސްކިތުގައި ޖަހާފައިވާ މުއްޓަކީ އަމިއްލަ ފަރާތަކުން ހަދިޔާ ކުރިމުށިތަކެއް ކަމަށެވެ.
"ސަފު ލައިނުގައި ރީނދޫ މުށިހުރުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ ލިބެމުންދޭ. އެކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންމިދަނީ. ކައުންސިލުން އެއްވެސް މުއްޓެއް ނުގަންނަން. މުށި ހަދިޔާ ކުރީވެސް އަމިއްލަ ފަރާތްތަކުން، އެމަސައްކަތް ކުރިއަށްގެންދަނީ އެތައް ބައެއްގެ ދީލަތި އެހީތެރިކަމާއެކު" ނައިބްރައީސް އަލީ ހާޝިމް ވިދާޅުވި އެވެ.
"ކައުންސިލުން ރީނދު މުށިޖަހަން އަޅުގަނޑުމެން އޯކޭއެއް ނުދެން. އެހެންނަމަވެސް މުށިދޭފަރާތުން ހުށައެޅި މުށިތެރޭގައި އެކަމަށް އެންމެ ކަމުދާކަމަށް ކައުންސިލުން އެމަސައްކަތް ހިންގާ ނުހިނގާ ގޮތް ބެލުމަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނަށް ފެނުނު މުށިއެއީ. ކައުންސިލް މެމްބަރުންނެއް ނުދަން އެމުށި ބަލާކަށް އަޅުގަނޑަށްވެސް ފެނުނީ ރީނދޫ މުށި ސަފު ލައިނުގައި ޖަހާފައި ހުއްޓަ. އެހިސާބުން އަޅުގަނޑުމެންވެސް ކަންބޮޑުވުމަށް އެކަން އައީ." ނައިބްރައީސް އަލީ ހާޝިމް ވިދާޅުވި އެވެ.
ހާޝިމް ވިދާޅުވީ ސަފު ލައިނުގައި ޖަހާފައިވާ ރީނދޫ މުއްޓާއި ދޭތެރޭގައި ދެން ހަދާނީ ކިހެނެއްތޯ އެ މިސްކިތަށް އަރާ ފަރާތް ތަކާއެކު މިހާރު މަޝްވަރާކުރެވެމުންދާކަމަށާއި އެއީ އެއްގޮތަކަށްވެސް އެމަސައްކަތުގެ ކޮންޓްރެކްޓަރު ކަލެކްޓިންގ ކޮމްޕެނީގެ މައްސަލައެއް ނޫންކަމަށެވެ.