twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކޮރޯނާ ވައިރަހާ ގުޅިގެން 2،000 އަށް ވުރެ ގިނަ ބުކިން ކެންސަލްކޮށްފި

Jan 29, 2020

ކޮރޯނާ ވައިރަހާ ގުޅިގެން އަންގާރަ ދުވަހުގެ ރެއާ ހަމައަށް 2،000 އަށް ވުރެ ގިނަ ބުކިން ކެންސަލް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ވައިރަހާ ގުޅިގެން މި ފަހުން 2،083 ބުކިން ކެންސަލް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 1،466 ޓޫރިސްޓުންނަކީ ޗައިނާ މީހުންނަށް ވާއިރު، އެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަހުގައި ރާއްޖެ އޮތް ހާލަތާ ގުޅިގެން އެއްވެސް ކަމެއް ސަރުކާރުން ސިއްރު ނުކުރާނެ ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފައާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި ވައިރަހާ ގުޅިގެން ޓޫރިޒަމް ދާއިރާ އިން ކުރަންޖެހޭ މަސައްކަތްތަކަށް ވަކިން ޓާސްކް ފޯހެއް އެކުލަވާލައި ހާލަތު ވަރަށް ގާތުން އަންނަނީ މޮނީޓާ ކުރަމުންނެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކޮށްފާނެ އަސަރުތައް ދެނެގަނެ، އިކޮނޮމިކް ކައުންސިލާ ވެސް ހިއްސާ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރަށް އެންމެ މުހިއްމު ވާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން. އިގުތިސާދު އަންނާނީ އޭގެ ފަހުން. ނަގަން ޖެހޭ ޑިސިޝަނެއް ކަމާބެހޭ އިދާރާތަކާ އެކު ނަގާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ އިރުޝާދާ އެއްގޮތަށް ޓޫރިސްޓުން ސްކްރީންކޮށް ރިސޯޓްތަކާއި ގެސްޓު ހައުސްތަކަށް ވެސް އެކަމުގެ މައުލޫމާތުތައް ހިއްސާ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ތަންތަނުން ބަލި މީހަކު ފެނިއްޖެ ނަމަ، އަމަލު ކުރާނެ އުސޫލުތައް ކަނޑައަޅައި މިހާރު އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355