ކުޅުދުއްފުށީ ދެ ކުޅިން ގަސް ގަސް ކަނޑުން މަނާކޮށް، ގަވައިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފި އެވެ.
ދެންމެ ކުޅުދުއްފުށީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީ ދެކުނު ކުޑަ ކުޅި އަދި އުތުރުކޮޅުގައިވާ މަށިކުޅީގެ ބާކީ ބައި އޮތް ސަރަހައްދުތަކުން ގަސްކަނޑާކަމުގެ ޝަކުވާ އެންވަރަޔަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ލިބެމުންދާ ކަމަށެވެ. އަދި އެކަން ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ.
އަދި ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމާ ބެހޭ ގަވައިދުގެ 3 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައިވާ ގޮތުން ކަނޑޫފަލާއި، ކުޅިފަދަތަންތަނާޢި އެތަންތަން ވަށައިގެން 15 މީޓަރު ފުޅާ ސަރަހައްދުގައި ހެދިފައި ހުންނަ ހުރިހާ ބާވަތެއްގެ ރުއްގަހަކ ރުއްގަހުގެ ތެރެއިން ކެނޑުމާއި އުފުރުން އަދި ކޮނެގެން ނެގުން މަނާ ބާވަތްތަކުގެ ރުއްގަސް ކަމަށެވެ.
އެހެންކަމުން ރަށުގެ ދެ ކޮޅުގައިވާ ކުޑަކުޅި އާއި އުތުރުކޮޅު މަށިކުށީގެ ބާކީ ސަރަހައްދުތަކާއި އެތަންތަން ވަށައިގެންވާ ސަރަހައްދުތަކުން އެއްވެސް ބާވަތެއްގައި ގަސް ކެނޑުން، އުފުރުން ނުވަތަ ކޮނެގެން ނެގުމަކީ މަނާކަމުގައި އީޕީއޭ އިން އެދުމުގެ މަތިން އާންމުކޮށް އަންގައި އިއުލާންކުރާ ކަމަށެވެ.
"މި އެންގުމާއި ހިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 7/2010 (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ) 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުންގެންދާނެކަން އާންމުކޮށް އަންގައި އިއުލާންކުރީމެވެ." ކައުންސިލްގެ ނައިބު ރައީސް ސޮއިކުރައްވާ ނެރުނު އިއުލާންގައިވެ އެވެ.