ޗައިނާ ވުހާން ސިޓީން ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭން ޗައިނާއަށް ކުރާ ސީދާ ދަތުރުތައް މެދުކަނޑާލަން ސަރުކާރުން ނިންމާފައިވާ ކަމަށް މިއަދު ބުނެފި އެވެ.
މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް އާ ގުޅިގެން ރާއްޖޭން ޗައިނާ އިން ކުރާ ސީދާ ދަތުރުތައް ވަކި މުއްދަތެއްނެތް ގޮތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރީގެ އިތުރުން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ބައިވެރިވެ އެވެ.
ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ރާއްޖޭން ބޭރަށް ދަތުރުނުކުރުމަށް ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން އިލްތިމާސްކުރާކަމަށެވެ.
މިބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޗައިނާއަށް ސީދާ ދަތުރުތައް މެދުކަނޑާލަން ނިންމީ ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ ގިނަ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި މި ފިޔަވަޅަކީ ދިވެހި ރައްޔިތުންގެ އިތުރުން ރާއްޖެއަށް ޒިޔާރާތްކުރާ ހުރިހާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ބޭރުން އަންނަ ފަރާތްތަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހުންގެ ހާލަތު އިތުރަށް ބަލާފައިވާނެ ކަމަށެވެ. ނަމަވެސް އެ ވައިރަސް ޖެހިފައިވާ މީހަކު އަދި ފެނިފައިނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.