ރާއްޖޭން މިހާތަނަށް ކޮރޯނާއަށް ކަށަވަރުވާ މީހެއް މިހާތަނަށް ފެނިފައި ނުވާކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ކޮރޯނާ ވައިރަސްއާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ކޮންފަރެންސްގައި އެ މިނިސްޓްރީން ވިދާޅުވީ ރާއްޖޭން މިހާތަނަށް ބައްޔަށް ކަށަވަރުވާ މީހެއް ފެނިފައި ނެތް ނަމަވެސް އެކު މުވައްސަސާތަކާއި ގުޅިގެން ފުޅާ ދާއިރާއެއްގައި މި ބަލި ރާއްޖެއިން އައުން ހުއްޓުވުމަށާއި ބަލި ރާއްޖޭގައި ހުރިތޯ ބެލުމަށް މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށެެވެ.
އެގޮތުން ރާއްޖެއަށް އެތެރެވާ މިހުންގެ ކިބައިން ކޮރޯނާގެ އެއްވެސް އަލާމާތެއް ފެނޭތޯ ޓާމިނަލް ސްކޭނާ ބަހައްޓާއިގެން ސްކޭން ކުރެވި، އަދި އެފަދަ މީހަކު ވަކިން ސްކޭންކޮށް ބަލި ޖެހިފައިވާ މީހެއްކަމަށް ޝައްކު ކުރެވޭ މީހުން ރާއްޖޭގައި ކޮރޯނާއަށް ޝައްކު ކުރެވޭކަމަށް ގެންގުޅޭ މިންގަނޑަށް ފެތޭތޯ ބަލަމުން ދާކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ރާއްޖޭއިން ކޮރޯނާއަށް ހުރި މީހެއްތޯ ކަށަވަރު ކުރުމަށް ގެންގުޅެނީ ބައިނަލްއަގުވާމީ މިންގަނޑުތަކެއް ކަމަށާއި ނަމަވެސް ފެނިފައި މިވަނި ކޮރޯނާވައިރަސްގެ އާބާތެއް ކަމުން ކުރިއަށް އޮތްތަނުގައި ބަލި ފެތުރޭ ގޮތާ ފެތުރޭ ނިސްބަތަށް ބަލާފައި ބަލި ކަށަވަރު ކުރުމަށް ގެންގުޅޭ މިންގަނޑު ބަދަލުވެގެން ދާނެ ކަމަށާއި އެގޮތުން ޑަބްލިއުއެޗްއޯއާއި އެހެން ގައުމުތަކުން ބަލި ކަށަވަރު ކުރުމަށް ގެންގުޅޭ މިންގަނޑަކީ ކޮބާތޯ ބަލަމުން ދާކަމަށްވެސް މިނިސްޓްރީން ވިދާޅުވި އެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ކޮންސަލްޓަންޓް ޑޮކްޓަރު މޫސާ ޙުސައިން ވިދާޅުވީ މި ބަލި ޖެހުނު ނަމަވެސް ސީރިއަސް ހާލަތަށް ދަނީ ވަރަށް މަދު މީހެއް ކަމަށާއި ބަލީގައި ސީރިއަސްވަނީ ނިޔުމޯނިއާ ފަދަ ނުރައްކާތެރި ޙާލަތަކަށް މީހާ ދިއުމުން ކަމަށެވެ.