ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހިމެނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހިންނަވަރު ދާއިރާގެ މަޖިލީސް މެމްބަރު ޖީހާން މަހުމޫދު ހުށަހަޅައިފިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މަދުކުރުމުގެ މަގުސަދުގައި ހިންނަވަރު ދާއިރާގެ މަޖިލީސް މެމްބަރު ހުށަހެޅި އެ ބިލުގެ ފުރަތަމަ ކިއުން މިއަދު މަޖިލީހުގައި ވަނީ އިއްވާފަ އެވެ.
އެ ބިލުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ކުޑަކުދިންނަށް ހާއްސަ ރައްކާތެރިކަމާއި ހިމާޔަތް ލިބުމަކީ އެކުދިންނަށް ލިބިގެންވާ ހައްގެއް ނަމަވެސް ޖިންސީ ގޯނާގެ މައްސަލަތައް މުޖުތަމައުގައި ގިނަ ކަމަށެވެ.
މިހާރު ޖިނާއީ އިޖުރާތުގެ ގާނޫނުގައި ހިމަނާފައިވާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ހިމެނިފައެއް ނުވެ އެވެ.