ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭން ގުޅުން ކަނޑާލި ކޮމަންވެލްތާ އަލުން މި މަހު އެއްވަނަ ދުވަހު ކޮމަންވެލްތުން ވަނީ އެ ޖަމިއްޔާގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގެންފައިވާ ކަން އަންގާފަ އެވެ.
ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރަކަށް ވެފައިވާއިރު، އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތައް ބައިވެރިވާ ކޮމަންވެލްތުގެ ޕާލިމެންޓްރީ އެސޯސިއޭޝަންގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް އަލުން ގުޅުމަށް ވެސް ވަނީ ހުށައަޅާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި ވަނީ ކޮމަންވެލްތުގެ ޕާލިމެންޓްރީ އެސޯސިއޭޝަންއާ ރާއްޖޭގެ މަޖިލިސް އަލުން ގުޅުމާ ބެހޭ މައްސަލައެއްގެ ބަހުސަށް ހުޅުވާލާފަ އެވެ.
އެ ބަހުސްގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ ކޮމަންވެލްތުގެ ޕާލިމެންޓާ ގުޅެން މަޖިލީހުން ކަނޑައަޅަން ގޮވާލާ ގަރާރެއް ހުށަހަޅުއްވާފަ އެވެ.
މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުން ވަނީ އާޒިމްގެ ގަރާރަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.
މައްސަލާގައި ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ، ކޮމަންވެލްތު ޖަމިއްޔާގެ މެންބަރަކަށް ރާއްޖެ އަލުން ވެފައިވާއިރު، އެ ޖަމިއްޔާގެ ޕާލިމެންޓްރީ އެސޯސިއޭޝަންގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ބައިވެރިވުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.