twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ރާއްޖޭގައި ކެންސަރު ކޮންޓްރޯލް ކުރުމަށް ޕްލޭނެއް އެކުލަވާލަނީ

Feb 4, 2020

ރާއްޖޭގައި ކެންސަރު ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރުގައި ޕްލޭނެއް އެކުލަވާލަން ނިންމައިފި އެވެ.

ކެންސަރުބަލީގެ ދުވަހާ ގުޅިގެން ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ކެންސަރުޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއެކު ގިނަގުނަ މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށެެވެ.

މިއަދަކީ ކެންސަރު ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއާގުވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެެވެ.

އެޗްޕީއޭއިން ކެންސަރު ބަލީގެ ގައުމީ ދަފްތަރު މިހާރު އެކުލަވާލއިފައިވާ ކަމަށާއި އަދި އެކި ވައްތަރުގެ ކެންސަރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ހިންގަމުންދާކަމަށެވެ.

މީގެ އިތުރުން ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވޭ އެކި މަސައްކަތްތަކާއި ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރެއްގައި މަސައްކަތް ކުރުމަށް "ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން" މި އަހަރު އެކުލަވާލަމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކެންސަރު ބަލީގެ ތެރެއިން ރާއްޖޭގައި ފިރިހެނުންނަށް އެންމެ އާންމުކޮށް ޖެހެނީ އަނގައިގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ބަނޑުގެ ކެންސަރާއި މޭގެ ކެންސަރެވެ. އަންހެނުންނަށް ޖެހެނީ އަނގައިގަ ކެންސަރު، އުރަމަތީގެ ކެންސަރު، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު (ސަވައިކަލް ކެންސަރު)، ފުއްޕާމޭގެ ކެންސަރާއި ތައިރޮއިޑް ކެންސަރެވެ.

ދެހާސް އަށާރަ ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގައި ބުނީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން 84 ޕަސެންޓް މީހުން މަރުވާއިރު އޭގެތެރެއިން 17 ޕަސެންޓް މީހުންނަކީ ކެންސަރު ބަލީގެ ސަބަބުން މަރުވާ މީހުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355