ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ މަމެން އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ތިންވަނަ މުބާރާތް އަންނަ މާރޗް މަހު 14 ވަނަ ދުވަހު ބައްވަން ނިންމައިފި އެވެ.
އެއް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ ހުޅުމާލެ ސައިކްލިން ޓްރެކުގަ އެވެ. މި ހަރަކާތް މިއަހަރު ކުރިއަށްދާނީ އެހެން އަހަރުތަކާ ހިލާފަށް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކަށް ވެސް ހުޅުވާލައިގެން ކަމަށް ދިރާގުން ބުނެ އެވެ.
ހަތަރު އުމުރު ފުރާ އަކަށް ބަހާލައިގެން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ މިމުބާރާތުގެ އުމުރު ފުރާތަަކަކީ 7 އަހަރުން ދަށާއި 11 އަހަރުން ދަށާއި 13 އަހަރާއި 15 އަހަރެވެ. މި އުމުރުފުރާތަކުގެ ތެރެއިން 11 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށްދާނީ "ފަން ރައިޑް" އެކެވެ. މި ރޭސް ފުރިހަމަކުރާ ހުރިހާ ކުދިންނަށް ވެސް މެޑަލް ލިބޭނެ ކަމަށް ބައިކް މޯލްޑިވްސް އިން ބުނެ އެވެ.
މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ހުރިހާ ދަރިވަރުން ވެސް 200 މީޓަރުގެ ރޭހުގައި ބައިވެރިވާން މަޖުބޫރު ވާނެ އެވެ. އޭގެ އިތުރުން، އެއް ކިލޯމީޓަރާއި ދެ ކިލޯ މީޓަރު އަދި ތިން ކިލޯމީޓަރުގެ ތެރެއިން ކޮންމެވެސް ދެ ރޭހެއްގައި ދަރިވަރުންނަށް ބައިވެރިވޭނެ އެވެ. އަދި މި މުބާރާތުގައި ސްކޫލްތަކުން އެކުލަވާލާ ޓީމުތަކަށް "ޓީމް" ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.
2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި 600 އަށްވުރެއްގިނަ ދަރިވަރުން ޖުމްލަ 20 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. ކުރީ އަހަރުތަކާ ހިލާފަށް މި އަހަރު މި މުބާރާތް ކުރިއަށްދާނީ އެއްދުވަހުގެ ފޯރިގަދަ އިވެންޓެއްގެ ގޮތުގައެވެ. މި ރޭސް ކުރިއަށްދާނީ މާރިޗު 14 ވަނަ ދުވަހުގެ ހެދުނު 7:00 ފެށިގެން ހަވީރު 18:00 އަށެވެ.
ބައިކް މޯލްޑިވްސްއަކީ 2016 ވަނަ އަހަރުން ފެށިގެން ބައިސްކަލު ދުއްވުމުގެ އާދަ ކުރިއަރުވަމުން އަންނަ ޖަމިއްޔާއެއް އަދި "ޔޫނިއަން ސައިކްލިސްޓް އިންޓަނޭޝަނަލް" ގެ މެންބަރެއްވެސްމެވެ.
ދިރާގާއި ބައިކް މޯލްޑިވްސް އިން މި އިވެންޓް ބޭއްވުމުގެ އަމާޒަކީ ވީހާވެސް ގިނަ ކުދިން ޅަފަތުގައި ދުޅަހެއޮ ސިއްހަތެއްގައި ހުރުމަށް އަހުލުވެރިކުރުމެވެ. އަދި ތިމާވެއްޓާ ރައްޓެހިގޮތް ހިޔާރުކޮށް، އިންޖީނުލީ އުޅަނދުތައް މަދުކުރުމަށް އެއްބާރުލުން ދިނުމަށެވެ. މި އިވެންޓަކީ ދިރާގުގެ ހުރިހާ އިވެންޓެކޭވެސް އެއްފަދައިން ޕްލާސްޓިކް ފްރީ އިވެންޓެކެވެ.