މުރަނގަ ފަތަކީ ޒަމާނުންސުރެން ދިވެހިންނާ ވަރަށް ރަހުމަތްތެރި ފަތަކަ ވަނީ ވެފަ އެވެ. މިއީ ފަތްޕިލާވެލީގެ ތެރެއިން ދިވެހީންނަށް ހޯދާލަން އެންމެ ފައްސޭހަ އަދި އެންމެ މަގުބޫލު ފަތެވެ. ގިނަ ބަޔަކު މުރަނގަފަތް ބޭނުންކުރަނީ އޭނގެއިން ލިބޭ ފައިދާތައް ނޭގުނު ނަމަވެސް އަނގަޔަށް މީރު ފަތަކަށް ވާތީއެވެ. ދިވެހީން މުރަނގަފަތް އާއްމުކޮށް ބޭނުން ކުރަނީ ތެލުލިފަތުގެ ގޮތުގައެވެ. ނަމަވެސް މުރަނގަ ފަތުގެ ފައިދާ އެންމެ އެކަށީގެންވާ ރަނގަޅު ގޮތުގައި ލިބޭނީ ތާޒާ ރޯފަތް ބޭނުންކުރުމުންނެވެ.
އެގޮތުން މުރަނގަ ފަތުން ލިބޭ ބައެއް ފައިދާ ތަކުގެ ތެރޭގައި ދިފާއީ ނިޒާމު ވަރުގަދަ ކޮއްދިނުން ހިމެނެ އެވެ. މުރަނގަފަތަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ ފަތަކަށް ވުމުން ދިފާއީ ނިޒާމުގެ މަސައްކަތްތައް ވަރުގަދަ ކޮށްދިނުމަށް އެހީވެދެއެވެ. ނަތީޖާއަކަށް ވަނީ ތަފާތު އެކި ބާވަތްތަކުގެ ބަލިތަކާއި އިންފެކްޝަން އަދި އެހެނިހެން ސިއްހީ ބަލިމަޑުކަމުން ހަށިގަނޑު ރައްކާތެރިވުމަށް އެހީއަކަށް ވުމެވެ.
މުރަނގަފަތަކީ ލޭހޮޅިތަކުގައި ސަރުބީ ޖެހުމުން ދުރުކޮށްދީ ލޭގައި ހުންނަ ލިޕިޑް (ހައިޑެންސިޓީ ލިޕޯޕްރޮޓީން)ގެ މިންވަރު ދަށްކޮށްދިނުމާއެކު ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދިނުމަށް އެހީވެދޭ ފަތެކެވެ. އަދި ހަޖަމްކުރުމުގެ ނިޒާމަށް ދިމާވާ އެންމެ އާންމު ސިއްހީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބަނޑުހަރުވުމަކީ ކާނާގެ ތެރެއިން ލިބިދޭ ޑައިޓަރީ ފައިބަރގެ މިންވަރު މަދުވުމުން ދިމާވާ މައްސަލައެކެވެ. މުރަނގަފަތަކީ ޑައިޓަރީ ފައިބަރ ގިނަ އަދަކަށް އެކުލެވޭ ފަތަކަށް ވުމުން ކާނާ ތެރޭގައި މުރަނގަފަތް ބޭނުން ކުރާނަމަ މިފަދަ މައްސަލަތަކުން ރައްކާތެރި ކޮށްދެއެވެ.
މުރަނގަފަތުގައި އެކުލެވޭ މާއްދާއެއް ކަމުގައިވާ ޒިންކްއަކީ އިންސިއުލިން ލޭގެތެރޭގައި ދައުރުކޮށްދިނުމަށް އެހީވެދިނުމާއެކު ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކޮށްދިނުމުގެ އިތުރުން މުރަނގަފަތަކީ ޒިންކް އާއި ކެލްޝިއަމް ގިނަ އަދަދަކަށް އެކުލެވޭ ފަތަކަށް ވެފައި މިދެ މާއްދާއަކީ ކަށިތަކާއި ދަތުގެ ދުޅަހެޔޮކަމަށް މުހިންމު މާއްދާ ތަކަކަށް ވުމުން މުރަނގަފަތް ކާނާގެ ތެރޭގައި ހިމަނާނަމަ ކަށިތަކާއި ދަތުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް އެހީވެދޭނެއެވެ.
މުރަނގަފަތަކީ ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް މާއްދާތަކާއި ވިޓަމިން އޭ ގިނަ އަދަކަށް އެކުލެވޭ ފަތަކަށް ވުމުން މިއީ ހަންގަނޑުގެ ދުޅަހެޔޮކަމަށް ބޭނުންވާ މުހިންމު ފަތެކެވެ. ވިޓަމިން އޭ އަކީ ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ވިޓަމިނެކެވެ. މުރަނގަފަތުގައި ހިމެނޭ އެންޓިއިންފްލެމެންޓްރީ މާއްދާތަކަކީ ހުޅުދުޅަވުމުން ރައްކާތެރިކޮށްދިނުމާއެކު ހުޅުހުޅުގައި ރިހޭ ރިހުން ކުޑަކޮށްދިނުމަށް އެހީވެދޭ ފަތެކެވެ.
އަދި މީގެ އިތުރުންވެސް އެތައް ސިއްހީ ފައިދާއެއް އެކުލެވިގެންވާ ހޯދާލަން ފަސޭހަ މި ފަތަކީ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާލަން ވަރަން މުހިންމު އަދި އެހާމެ ފައިދާ ހުރި ފަތެކެވެ.