ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކަފާލާތުގެ ދަށުން ދޫކުރެވެން ނެތްކަމަށާއި، އަދި އެމަނިކުފާނުގެ ހުކުމް ތަންފީޒުކުރުން ފަސްކުރެވެން ވެސް ނެތްކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
މަނީ ލޯންޑްރިންގްގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ.
ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމަށް އެދިވަޑައިގެން އެމަނިކުފާނުގެ ވަކީލުން އަބްދުﷲ ސިޔާޒް އާއި ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ، ހުކުމް ކުރުމުގެ ކުރިން މީހަކަށް ކަފާލާތް ދިނުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގައި އޮތް ކަމެއް ކަމަށެވެ.
އަދި އެއީ އައިސީސީޕީއާރުގެ ދަށުން އަސާސީ ހައްގެއް ކަމަށާއި ހުކުމެއް ކޮށްފައިވާ މީހަކަށް ކަފާލާތު ދެވޭނެ ކަމަށް ހައިކޯޓުން މީގެ ކުރިން ނިންމާފައި ހުރި ނިންމުންތަކުން އެނގޭ ކަމަށް ވެސް އެމަނިކުފާނުގެ ވަކީލުން ވަނީ ހައިކޯޓުގައި ފާހަގަކުރައްވައިފައެވެ.
ހައިކޯޓުން އެގޮތަށް ނިންމުން އުސޫލެއް ލިޔެވިފައި ނެތް ނަމަވެސް އުސޫލެއް އުފެދިފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
ނަމަވެސް އެ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި ހައިކޯޓުގައި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ޔާމީން ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށެވެ.
ނަމަވެސް ހުކުމެއް ކުރުމަށް ފަހުވެސް ބެއިލް ދިނުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރާ ކަމެއް ކަމަށާއި އަދި އެއީ ހައްގެއް ކަމަށް ވެސް ޖަމީލް ވަނީ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމުގައި ވިދާޅުވެފައެވެ.