ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމުން ދިވެހިންނަށް ކޮމަންވެލްތުގެ ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭގޮތަށް ހަމަޖައްސައިފި އެވެ.
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާ އެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭއްވެވި ބައްދަލުވުމުގައި ސްކޮލަޝިޕް ހޯދަން ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ކޮމަންވެލްތުން ހަމަޖައްސައިދެއްވީ ޝާހިދު އެކަމަށް އެދިވަޑައިގަތުމުންނެވެ.
ކޮމަންވެލްތާ އަލުން ގުޅުމުން އެ ޖަމާއަތުގެ މައި އިދާރާގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރާއްޖޭގެ ދިދަ ނަގާފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ފަހު އެ ޖަމިއްޔާގެ މެމްބަރުކަން އަލުން ލިބުނީ މިމަހު އެއްވަނަ ދުވަހު އެވެ. ރާއްޖެ އަކީ މިހާރު ކޮމަންވެލްތުގެ 54 ވަނަ މެމްބަރު ގައުމެވެ.
ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން އެންގެވުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޯނުން ގުޅުއްވުމުން އެ މަނިކުފާނު ވަނީ އެކަމާ އުފާފުޅުކުރައްވައި ދިވެހި ސަރުކާރަށް ދެއްވި އެއްބާރުލުމާއި އެހީތެރި ކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.
ޔާމީންގެ ސަރުކާރުގައި ރާއްޖެ، ކޮމަންވެލްތުން ވަކިވީ، އޭރު ސަރުކާރުން ބައެއް ކަންކަމުގައި އަމަލު ކުރަމުން އައި ގޮތުން، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި، އިސްލާހު ނުވެއްޖެ ނަމަ އެ ޖަމާއަތުން ޜާއްޖެ ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. ޔާމީންގެ ސަރުކާރުން އެގޮތަށް ނިންމީ އެ ފިޔަވަޅުން ސަލާމަތް ވުމަށެވެ.