twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިންޑިއާ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ހަރަކާތެއް ފަށަނީ

ނަބީލާ އިސްމާޢީލް
Feb 9, 2020

އިންޑިއާ ކަނޑުގެ ސަރަހައްދު ބަލައި ހިމާޔަތްކުރުމަށް ކަނޑުފަޅު ދިރާސާކުރުމުގެ ބޮޑު ހަރަކާތެއް ރާއްޖެއާއި ސީޝެލްސް ގުޅިގެން ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.

އަންނަ މަހު 16 ގައި ސީޝެލްގައި ފަރސްޓް ޑިސެންޓް މިޑްނައިޓް ޒޯން ނަމުގައި ހިންގޭ މިހަރަކާތަކީ ރާއްޖެއާއި ސީޝެލްސްގެ ކަނޑުގެ ސަރަހައްދުގެ 629,000 އަކަ ކިލޯމީޓަރ ހިމާޔަތްކޮށް އެކަނޑުތަކުގެ ދުޅަހެޔޮކަން ކަށަވަރުކޮށް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމުގެ މަގްސަދުގައި ފެށުމަށް ހަމަޖެހިފައިވާ ހަރަކާތެއްކަމަށާއި މި ހަރަކާތުގައި ބައިނަލްއަގްވާމީ ފެންވަރުގެ 50 ސައިންސްވެރިންނާއި ކަމުގެ މާހިރުން މައުލޫމާތު ހޯދުމާއި އެއްކުރުމުގައާއި ހިމާޔަތް ކުރާ ސަރަހައްދު ކަނޑައެޅުމުގައި ހަރަކާތްތެރިވާނެއެވެ.

މި ދިރާސާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިޑްނައިޓް ޒޯން ސަރަހައްދުގެ ކަނޑު އަޑީގައި އުފެދިފައިވާ “ސީމައުންޓްސް” ނުވަތަ ކަނޑުއަޑީގެ ފަރުބަދަތަކަށް އަމާޒުކޮށްގެންނެވެ. މިޑްނައިޓް ޒޯނަކީ ކަނޑުގެ 1000 މީޓަރާއި 4000 މީޓަރާއި ދެމެދުގެ ފުންމިން ހުންނަ ސަރަހައްދު ތަކެވެ. ކަނޑުގެ ދިރުންތަކުގެ އާބާދީ ކަނޑުގެ ސަތަހައިގެ މަތީ ފަށަލަ ތަކުގައި އުޅުނު ނަމަވެސް އެދިރުންތަކުގެ ބާވަތްތައް އެންމެ ގިނައިން އުޅޭކަމަށް ފާހަގަކުރެވިފައިވަނީ "މިޑްނައިޓް ޒޯން" ގައި ކަމަށާއި މި ހަރަކާތުގައި ފުރަތަމަ ދިރާސާ ފެށުމަށް ހަމަޖެހިފައިވަނީ އިންޑިއާ ކަނޑުގެ ސީމައުންޓްސް ނުވަތަ ކަނޑުއަޑީގެ ފަރުބަދަތަކުންނެވެ. އަންޑަރސީ ގަލަޕަގޮސް އޭ ވެސް ކިޔާ މި ކަނޑުއަޑީގެ ފަރުބަދަތަކަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުފެންނަ ފަދަ ދިރުންތަކުން ފުރިގެންވާ ތަނެކެވެ.

އިންޑިއާ ކަނޑަކީ ހިމާޔަތް ކުރެވިފައިވާ މިންވަރު އެންމެ ކުޑަ އަދި ހޯދުންތައް އެންމެ ކުޑަކޮށް ހޯދާފައިވާ ކަނޑެވެ. އިންޑިއާ ކަނޑަށް އަންނަ ބަދަލު ތަކުގެ އަސަރު ބިލިއަނެއްހާ މީހުންގެ ދިރިއުޅުމަށް ކުރާނެކަމަށާއި ނެކްޓަން މިޝަންގެ ޑިރެކްޓަރ އޮލިވަރ ސްޓީޑްސް ވިދާޅުވިއެވެ.

ރާއްޖެއާއި ސީޝެލްސް ސަރުކާރު ގުޅިގެންހިންގާ މި ހަރަކާތުގައި އިސްކޮށް ހަރަކާތްޔެރިވާނީ ނެކްޓަންއާއި އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނެވެ. މީގެ އިތުރުން މި ސައިންސްވެރިންނާއިއެކު ރާއްޖެއާއި ސީޝެލްސްގެ ސައިންސްވެރިން މި މިޝަންގައި ހަރަކާތްތެރިވާނެއެވެ.

މި ދިރާސީ ހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ކަނޑުގެތަކުގެ އެންމެ ފުނަށް ފީނުމަށް ބޭނުންކުރެވޭ އެންމެ ފެންވަރު ރަނގަޅު ސަބްމެރިން އާއި ދިރާސާކުރުމަށް ބޭނުންކުރާ ހާއްސަ އާލާތްތަކާއި ޓެކްނޮލޮޖީތައް ބޭނުންކޮށްގެންނެވެ.

ރާއްޖެއިން މި ހަރަކާތުގައި ބައިވެރިވުމަށް ނިންމާފައިވަނީ މޯލްޑިވްސް ބްލޫ ޕްރޮސްޕެރިޓީއާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355