twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކަނޑުފަރުގެ ދިރާސާ ފުރަތަމަ ބުރު ނިންމާލައިފި

ނަބީލާ އިސްމާޢީލް
Feb 10, 2020

ރާއްޖޭގެ ފަރުތަކުގެ ހާލަތު ދެނެގަތުމާއި ކަނޑުގެ މާހައުލާ މަސްމަހާ މެހީގެ އާބާދީގެ ދިރާސާގެ ފުރަތަމަ ބުރު ނިންމާލައިފިއެވެ.

ރާއްޖޭގެ ސައިންސްވެރިންނާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން 26 ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މިދިރާސާގައި ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމަޔަށް 16 އަތޮޅެއްގެ ފަރުތަކާއި ކަނޑުގެ މާހައުލާއި ގުޅޭ މައުލޫމާތާއި ޑޭޓާ ވަނީ ނަގާފައެވެ.

ރާއްޖޭގެ ސައިންސްވެރިންނާއި ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން ގުޅިގެން ކުރިއަށް ގެންދިޔަ މިދިރާސާގައި ދިވެހި ސައިންޓިސްޓުންގެ އިތުރުން ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންގެ ފަރާތުން 8 ގައުމެއްގެ ސައިންސްވެރިން ބައިވެރިވެ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި އެންމެ ފަހުގެ އުކުޅުތައް ބޭނުންކޮށްގެން ޑޭޓާ ނަގާފައިވެއެވެ. މިގޮތުން، 3ޑީ އިމޭޖިންގ، އީ-ޑީއެންއޭ ސާންޕަލިންގ، މަހާއި އެހެނިހެން ދިރުންތައް ބެލުމާއި އަދި ފެނުއަޑީގެ ވީޑިޔޯ ސިސްޓަމްސް ބޭނުންކޮށްގެން ފެނުގެ ފެންވަރު ބެލުންފަދަ ކަންކަން ހިމެނެއެވެ.

މި ދިރާސާގެ ފުރަތަމަ ބުރުގައި ވަނީ ފަރުތަކުގެ ދިރުންތަކާއި މަހުގެ އާބާދީއާ މޫދުގެ ފެނުގެ ހާލަތު ފަދަ މައުލޫމާތުތައް އެއްކޮށްފައެވެ. ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގައި 978 ސައިންޓިފިކް ޑައިވް ނިންމައި، 690 ގަޑިއިރުގެ ފެނުއަޑީގެ ވީޑިއޯ ވަނީ ނަގާފައެވެ.


48 ފަރެއްގެ ތްރީޑީ ފޮޓޯ ނަގާފައިވާއިރު މަހުގެ 330 ބާވަތެއް ވަނީ ދެނެގަނެފައެވެ. އޭގެ ތެރެއިން 80 ބާވަތެއްގެ މަހަކީ ދުނިޔެއިން ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ މަސްތަކުގެ ރެޑް ލިސްޓުގައި އައިޔޫސީއެން އިން ހިމަނާފައިވާ މަސްމަހެވެ. މި ދިރާސާގައި 274،004 މަސް ގުނާފައިވާއިރު ފަރުގެ ދިރުންތައް ދެނެގަތުމަށް 524 އީޑީއެންއޭ ސާންޕަލް ނަގާފައިވާކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ.

މި ސާވޭގެ މަސައްކަތް މިދިޔަ މަހު ކުރިޔަށްދިޔައިރު ރައީސް ސޯލިހު ވަނީ މި ދިރާސާގެ ހަރަކާތުގައި ބައިވެރިވެ ވުމުގެ ގޮތުން ހދ އަތޮޅުގައި މި ދިރާސާ ކުރިޔަށްގެންދިއުމުގައި ބޭނުންކުރަމުންދިޔަ ބޯޓަށް ވަޑައިގެން ދިރާސާގެ މަސައްކަތްކުރިޔަށްގެންދަވާ ޓީމުގެ ބައިވެރިންނާ ބައްދަލުކުރައްވައި ދިރާސާ ކުރިޔަށްދާ ގޮތާބެހޭ މައުލޫމާތު ހޯއްދަވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަރުގެ ދިރުންތައް ބައްލަވާލެއްވުމުގެ ގޮތުން ފީނުމުގެ ހަރަކާތެއްގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މިދިރާސާގެ ފުރަތަމަ ބައި ނިންމުމުގެ ގޮތުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވަނީ ކަނޑުތަކުގެ ހިމާޔަތަށްޓަކައި ކުރިއަށްވުރެ މައުނަވީ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކޮށް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ އެންމެންގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާއެއްކަމަށާއި މި ދިރާސާއަކީ މިގޮތުން އެޅުނު ފުރަތަމަ ފިޔަވަޅުކަން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެއިޓް އިންސްޓިޓިއުޓްގެ ސައިންސް އެންޑް ފީލްޑް ޑިރެކްޓަރ އެންޑީ އެސްޓެޕް އެންމެ ބޮޑަށް ފާހަގަކުރެއްވީ ގާހުދުވުމާއި މަސްވެރިކަމުގެ ސަބަބުން ފަރުތަކަށް ކޮށްފައިވާ އަސަރެވެ. އެގޮތުން މިދިރާސާގައި ކުރެވުނު ޑައިވްތަކުގައި އެއަސަރުތައް ފެނިގެންދިޔަ ކަމަށާއި ހަމަ އެއާއިއެކު މިފަދަ އެކި އެކި ގޮންޖެހުންތަކުން އަރައިގަނެވޭނެކަމުގެ ނިޝާންތަކާއި މުސްތަގުބަލަށް ބަލާއިރު އުއްމީދުކުރަނިވި ކަންތައްތައްވެސް މިދިރާސާގެ ތެރޭގައި ފާހަގަކުރެވިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

މި ދިރާސާއަކީ ދިވެހިރާއްޖެއިން ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންއާއި ގުޅިގެން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ. މީގެ އިތުރުން ދެކުނުގެ އަތޮޅުތައް ކަމަށްވާ ފުވައްމުލައް އަދި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ކުރެވޭ ދިރާސާތައް އަންނަ މާރޗް މަހުގެ ކުރީކޮޅު ފަށާނެކަމަށް ފިޝަރީސް މިނިސްޓްރީން ވިދާޅުވެއެވެ. މިމަސައްކަތްތަކަކީ މިކޯލިޝަންގެ އިތުރުން ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީތަކާއި ބައެއް އަމިއްލަ ޖަމިއްޔާތަކާއި އެހެނިހެން ފަރާތްތައް ގުޅިގެން ކަނޑުފަރުތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި ހިމާޔަތްކުރުމަށް ހިންގޭ 5 އަހަރު ދުވަހުގެ މަސައްކަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355