މިނިމަމް ވޭޖް ކަނޑައަޅާނީ 7 ދާއިރާއަކަށް ވަކިވަކިން ކަމަށް ބިލުގައި ހިމަނައިފި އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވާގޮތުން އެ އިސްލާހު ފާސްވެ ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑެއް އުފައްދައި އެ ބޯޑަށް މެމްބަރުން އައްޔަން ކުރަން ޖެހޭނެ އެވެ.
މިއަދު މަޖިލީހުގައި ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މަސްއޫލިއްޔަތުތައްވެސް ބިލުގައި ބަޔާންކޮށްފައިވެ.
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ
ފަތުރުވެރިކަމުގެ ދާއިރާ
ކޮންސްޓްރަކްޝަން ދާއިރާ
ދަތުރުފަތުރުގެ ދާއިރާ
ސިއްހީ ހިދުމަތުގެ ދާއިރާ
ތައުލީމީ ހިދުމަތުގެ ދާއިރާ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާ
މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައެޅުމަށްޓަކައި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައަކީ ކޮބައިކަން ދިރާސާކޮށް ދެނެގަތުމަކީ މިިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މަސްއޫލިއްޔަތެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
އަދި ހަތް ދާއިރާއަކަށް ވަކިވަކިން ރިއާޔަތްކޮށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ އެރުވުމަކީވެސް އެ ބޯޑުގެ ޒިންމާއެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
މިނިމަމް ވޭޖް އެޑްވައިޒައަކީ ބޯޑުގެ ޗެއާ ޕާސަންގެ ގޮތުގައި ހުންނަވާނީ އިކޮނޮމިކް މިިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ. އަދި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި ފަތުރުވެރިކަމާއި ކޮންސްޓްރަކްޝަން ސިނާއަތާއި، އަންހެން ވިޔަފާރިވެރިންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރި، އެ ހަތަރު ދާއިރާ ތަމްސީލުކުރާ ޖަމިއްޔާތަކުގެ ފަރާތުން ހުށަހަޅާ ހަތަރު މެމްބަރުންގެ އިތުރުން ވަޒީފާ އަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރީން ތަމްސީލުކުރާ ޖަމިއްޔާތަކުން ހުށަހަޅާ ފަސް މެމްބަރުނެެވެ.
މިނިމަމް ވޭޖް އެޑަވައިޒަރީ ބޯޑު މެމްބަރުންގެ އުޖޫރަ ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ބުނެފައިވެ އެވެ.