މޯލްޑިވްސް ބާސްކެޓް ބޯލް އެސޯޝިއޭޝަން އާއި ޑަބްލިއު ސްޕޯޓްސް އެކަޑަމީ (ޑަބްލިއުއެސްއޭ) ގުޅިގެން ކުޅުދުއްފުށީގައި ބާއްވާ ބީއެމްއެލް އެމްބީއޭ އިންޓަރ އޮފީސް ބާސްކެޓް ބޯޅަ މުބާރާތް އަންނަ މަހު 3 ގައި ބާއްވަން ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކުޅުދުއްފުށީގައި ހުންނަ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ކުޅުދުއްފުށީގައި ބާއްވަމުން އަންނަ މި މުބާރާތުގައި އަންހެން އަދި ފިރިހެން ދެ ޖިންސުގެ ކުޅުންތެރިންނަށް ބައިވެރިވެވޭނެ ކަމަށް އިންތިޒާމު ކުރާފަރާތުން ބުނެ އެވެ.
މުބާރާތުގައި ބައިވެރިވުމަށް، ބައިވެރިވާ އޮފީހުގެ ސިޓީއެއް ޑަބްލިއު ސްޕޯޓްސް އެކަޑަމީއަށް މެއިލް ކުރުމަށް އެ އެކަޑަމީން އެދެ އެވެ. އަދި މުބާރާތުގެ ގަވައިދު ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ ފޭސްބުކް ޕޭޖްގައިވާ ލިންކުން ލިބޭނެ ކަމަށް އެ އެކަޑަމީން ބުނެ އެވެ.
މި މުބާރާތުގައި އޮފީހުން ބޭރު 3 ކުޅުންތެރިއެއް ހިމެނުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އޮންނާނެ ކަމަށް އެ އެކަޑެމީން މައުލޫމާތު ދެއެވެ. ނަމަވެސް އެތަނުން އެއް ކުޅުންތެރިއަކު ވާންވާނީ ކުޅުދުއްފުށީގެ ކުޅުންތެރިއަކަށް ކަމަށެވެ. ކުޅުދުއްފުށީ ކުޅުންތެރިއެއް ކަމުގައި ބެލެވޭނީ މަންމަ ނުނީ ބައްޕަ ކުޅުދުއްފުށީ ނަމަ ނުވަތަ ކުޅުދުއްފުށީ މީހަކާއި ކައިވެނިކޮށްގެން އުޅޭ ކަމުގައި ވާނަމަ އެވެ.
ފޯމް ހުށައެޅުމުގެ ފަހު ތާރީހަކީ މި މަހު 24 ވަނަ ދުވަސް ކަމަށާއި ފޯމާއެކު ރަޖިސްޓްރޭޝަން ފީ 800 ރުފިޔާ ހުށައަޅަންވާނެ ކަމުގައި އެފަރާތުން ބުނެއެވެ.
މުބާރާތް ބޭއްވޭނީ ބައިވެރިވުމަށް ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި އަންހެން ކެޓަގަރީން މަދުވެގެން 3 ޓީމާއި ފިރިހެން ކެޓަގަރީން މަދުވެގެން 4 ޓީމް ބައިވެރިވެފައިވާނަމަ ކަމަށް ޑަބްލިއުއެސްއޭއިން ކޭއޯއަށް މައުލޫމަތު ދެއެވެ. ހަމަ އެކަނި އެއް ކެޓަގަރީން އެކަށީގެންވާ އަދަދަށް ޓީމް ބައިވެރިވެއްޖެ ނަމަ އެ ކެޓަގަރީއެއް ކުރިއަށްދާނެ ކަމަށެވެ.
ފައިސާގެ އިނާމު ހުށައެޅިފައިވާ މި މުބާރާތަކީ އެހެން އަހަރުތަކުގައި ކުޅުދުއްފުށީގައި ވަރަށް ފޯރިގަދަކޮށް ކުރިއަށްދާ މުބާރާތެކެވެ. މި އަހަރު މުބާރާތުގެ މެއިން ސްޕޮންސަރއަކީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ބާސްކެޓް ކޯޓުގައި ކުޅޭ މި މުބާރާތުގެ މަގުސަދަކީ ރަށުގައި ބާސްކެޓް އާލާކޮށް ޒުވާނުންގެ މެދުގައި ވާދަވެރި ކުޅިވަރަކަށް ހެދުމާއި މި ކުޅިވަރާމެދު ޒުވާނުންގެ ހިތުގައި ލޯބި ޖެއްސުންކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
ޑަބުލިއު ސްޕޯޓްސް އެކަޑަމީ އަކީ ކުޅުދުއްފުށީގައި ރަށު ފެންވަރުގައި އާއި ގައުމީ ފެންވަރުގެ ގިނަ މުބާރާތްތަކެއް ހިންގަމުން އަންނަ އެކަޑަމީ އެކެވެ.