twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޮރަޕްޝަން ހުއްޓުވުމަށް ތެދު މައުލޫމާތު ފެތުރުން ވަރަށް މުހިންމު: އަހުމަދު

އަބްދުލް ވާހިދު ޙަސަން
Feb 17, 2020
3

ކޮރަޕްޝަން ހުއްޓުވުމަށް ތެދު މައުލޫމާތު ފެތުރުމަކީ ވަރަށް މުހިންމުކަމެއްކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސާވިސަސް އަހުމަދު ދާއޫދު ވިދާޅުވެއްޖެ އެވެ.

އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުން ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ މުވައްސަސާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަހުލުވެރިކުރުމަށް އިއްޔެ ކުރިއަށްގެންދިޔަ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް ދުވަހެއް ދުވަހަކަށް ރާއްޖޭގައި އިތުރުވަމުންދާކަމާއި ކުޅިވަރުގެ މައިދާނުގައި ދަރަޖަ މަތިކުރުމަށް މަސައްކަތްކުރާ ފަދައިން ކޮރަޕްޝަން މަދުކުރުމަށްވެސް މަސައްކަތްކުރަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މައުލޫމާތު ފެތުރުމުގައި ދިވެހިންގެ ތެރޭގައިވެސް ވަރަށް ޒިންމާދާރުކަން ކުޑަ މީހުން އުޅޭ ކަމަށާ، އެހެންވެ ދިވެހިންގެ ތެރޭގައި ދޮގު މައުލޫމާތު ފެތުރުން މިހާރު އޮތީ ވަރަށް އާންމުވެފައިވާ ކަމަށެވެ.

"ސިޔާސީ ވާދަވެރި މާހައުލުގައި ދޮގު މައުލޫމާތު ފެތުރުން. އެކަކު އަނެއްކަކުގެ އަބުރު ކަތިލައި އެންޓި ކެމްޕެއިން ކުރުން ފަދަ ކަންތައްތައް މިއަދު މިއޮތީ ވަރަށް ބޮޑަށް އާންމުވެފައި. އަޅުގަނޑުމެން އެބަޖެހޭ އެފަދަ ކަންތައްތަކުން ބަރިއްޔަވެގަންނަ. އެފަދަ ކަންތައްތަކުން ދުރުވެގަންނަ." އަހުމަދު ވިދާޅުވި އެވެ.

އިވޭހާ ވާހަކަތައް ފެތުރުމުގެ ބަދަލުގައި ތެދު މައުލޫމާތު ފެތުރުމަކީ ކުރެވޭނެ ވަރަށް މުހިންމުކަން އަހުމަދު ފާހަގަކުރެއްވި އެވެ. އަދި އެއީ ކޮރަޕްޝަން ހުއްޓުވުމަށް ވަރަށް މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވި އެވެ. އަހުމަދު ވިދާޅުވީ މިނިވަން މުވައްސަސާތައް ބާރުވެރިކޮށް ހަރުދަނާކުރަން ޖެހޭ ކަމަށެވެ. އަދި މީޑިއާތައްވެސް މިނިވަންކޮށް ތެދު މައުލޫމާތު ފަތުރައި މަދަނީ ޖަމިއްޔާތައް ބާރުވެރިކުރަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ހުރި ގާނޫނީ ހުރަސްތައް ނައްޓާލަން ޖެހޭކަމަށްވެސް އަހުމަދު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355