ކުޅުދުއްފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކީ މުޅި އުތުރުގެ ރައްޔިތުންނާ ގުޅިފައިވާ މުހިންމު ހިދުމަތެއް ކަމަށާއި އެކަން ހަގީގަތަކަށް ހެދުމަށް ގުޅުން ހުރި ސަރުކާރުގެ އިދާރާތަކުން އެކަން ހާސިލުކުރުމަށްޓާ ގަދައަޅާ މަސައްކަތްކޮށްދެއްވުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީއީއޯ އަހުމަދު ދާއޫދޫ (ޑޭވިޑް) ގޮވާލައްވައިފި އެވެ.
ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލުގެ އާ އިމާރާތެއް ގާއިމުކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ. އެހެންނަމަވެސް ދައުރު ނިންމުމުކާ ހަމައަށް އައިއިރު ޓާޝަރީ ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ވަނީ ނުފެށި އެވެ.
ކޭއާރުއެޗު އެވޯޑް ނައިޓް ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުން ޑޭވިޑް ވިދާޅުވީ، މުޅި އުތުރުގެ އެންމެހާ ރައްޔިތުންގެ އެންމެ ބޮޑަށް އެދޭ އެދުމަކީ ކުޅުދުއްފުށީގައި ގާއިމުކުރަން ނިންމާފައިވާ 100 އެނދުގެ ފުލްފުލެޖް ޓާޝަރީ ހޮސްޕިޓާ ފުރިހަމަ ވަސީލަތްތަކާއެކު ގާއިމުވެގެން ދިޔުން ކަމަށެވެ.
"މުޅި އުތުރުގެ އެންމެހާ ރައްޔިތުންވެސް އެންމެ ބޮޑަށް އެދޭ އެދުމަކީ އަޅުގަނޑުމެންގެ ރަށުގައި އެޅުމަށް ނިންމާފައިވާ 100 އެނދުގެ ފުލްފުލެޖް ޓާޝަރީ ހޮސްޕިޓަލް ފުރިހަމަ ވަސީލަތްތަކާއެކުގައި މިރަށުގައި ގާއިމުވެގެންދާނެ ދުވަސް. އެ ދުވަސް ހަގީގަތަކަށްވުން އެއީ އަޅުގަނޑުމެން އެންމެ ބޮޑަށް އެދޭ އެއް އެދުމެއް. އެހެންކަމުން އަޅުގަނޑު އެކަމާ ގުޅުން ހުރި ހުރިހާ އިދާރާތަކުންވެސް އެކަން ހާސިލުކުރުމަށްޓަކާ ގަދަ އަޅާ މަސައްކަތްކުރުމަށް އަޅުގަނޑު ގޮވާލަން." އަތޮޅުތެރޭ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލުގެ ސީއީއޯ ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ފަސް ސަރަހައްދެއްގައި ލާމަރުކަޒީ ގޮތުން ސިއްހީ ނިޒާމު ތަރައްގީކުރުމަށް އަދި ޓާޝަރީ ފެންވަރަށް ފަސް ސަރަހައްދެއްގެ ހޮސްޕިޓާތައް ގާއިމުކުރުމަށްޓާ ރައީސުލް ޖުމްހޫރިއްޔާ ނިންމެވި ނިންމެވުން ފާހަގަކުރައްވާ އެމަނިކުފާނަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ. އަދި މި ބައްދަލު ގެނައުމަށްޓާ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމުގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރެއްވި ރައީސް އޮފީހުގެ ޓީމަށްވެސް ޑޭވިޑް ޝުކުރު އަދާކުރެއްވި އެވެ.
ކޭއާރުއެޗުގެ ދުރުރާސްތާ ލަނޑުދަނޑިކަމުގައިވާ އެއްވަނަ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލަށް ވާސިލުވުމަށްޓަކާ ވާން ޖެހޭ އެންމެންހާ މަސައްކަތްތައް ވީހާވެސް ތަރުތީބު ގޮތެއްގައި ކުރިއަށްގެންދިޔުމަށް މުވައްޒަފުންނަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެކަން ފާހަގަކުރައްވަމުން ޑޭވިޑް ވިދާޅުވީ، އެކަމަކު އަދިވެސް ކުރަންޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެން އަރާ މި ތިބީ ނިމޭނެ ރޭހަކަށް ނޫން. އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް ދިޔުމަށްޓަކާ ގަދަ އަޅާ މަސައްކަތް ކުރަން ޖެހޭ. އެހެން ވީމާ އަޅުގަނޑު ހުރިހާ މުވައްޒަފުންގެ ފަރާތުންވެސް އެދެން ބޭނުންވާ އެންމެ ބޮޑު އެދުމަކީ އެއްދުވަހުން އަނެއް ދުވަހަށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓާ މުވައްޒަފުން ގުޅިގެން އެކީ ހިޔާލު ތަފާތުވުންތަކާއެކުވެސް މަސައްކަތްކޮށް ދިނުމަށް." ޑޭވިޑް ވިދާޅުވި އެވެ.
ހޮސްޕިޓަލްގެ ދުރުރާސްތާ ލަނޑުދަނޑިކަމުގައިވާ އެއްވަނަ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލަށް ވާން ޖެހޭ އެންމެންހާ މަސައްކަތްތައް ވީހާވެސް ތަރުތީބު ގޮތެއްގައި ކުރުމަށް މުވައްޒަފުންނަށް އޭނާ އިލްތިމާސްކުރެއްވި އެވެ. ޕޮޒިޓިވް ވިސްނުން އިސްކޮށް ހެޔޮ ނިޔަތުގައި މަސައްކަތްކުރާ ބަޔަކުވުމަށް ހަނދާންކޮށްދިނެވެ.