twitterviber whatsapp telegramfacebookyoutube instagram
27th April 2024

ބަނދަރު ހަދާފައިވާ ގޮތުން ރަށްގިރުމުގެ މައްސަލަ ބޮޑީ އުތުރުގައި

Feb 18, 2020

ބަނދަރުތައް ހަދާފައިވާ ގޮތުން މައްސަލަތައް ދިމާވެފައިވާ ރަށްތައް އުތުރުގެ އަތޮޅުތަކުގައި ގިނަކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ގިނަ ރަށްތަކަކަށް މިހާރު ކުރިމަތިވެގެން އުޅޭ ރަށްގިރުމުގެ ބޮޑެތި މައްސަލަތަކާއި އެ ރަށްތަކުގެ ބަނދަރުތައް ހަދާފައި ހުރި ގޮތާ ގުޅުމެއް އެބަހުރި މިނިސްޓަރު ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އުތުރުގެ ރަށްތައް ބޮޑަށް ގިރަން ދިމާވާ ސަބަބެއްކަމަށް މިނިސްޓަރު ވިދާޅުވީ ދެކުނުގެ ރަށްތަކާ ތަފާތުކޮށް އުތުރުގެ ގިނަ އަތޮޅުތަކަކީ ވަރަށް ބޮޑަށް ހުޅުވިފައިވާ ރަށްތައް ކަމަށާއި އެހެންވީމާ ރަށްތަކުގެ ދިފާއަކީ ހަމަ އެކަނި ރަށުގެ ފަރު ކަމަށެވެ.

އަސްލަމް ވިދާޅުވީ ބައެއް ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް އެޓެންޑްކުރަން ޖެހިފައި ވަނީ އިމަޖެންސީއެއްގެ ގޮތުގައި ކަމަށާއި ގިނަ ރަށްތަކަކަށް އެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ.

އަދި އެ ރަށްތަކަށް ހައްލު ހޯދަން ކުއްލި ހާލަތުގައި މަސައްކަތްކުރަން ޖެހިފައިވާ ކަމަށާއި ނަމަވެސް އެފަދަ މަސައްކަތްތައް ކުރަން ޖެހޭ އުސޫލުތަކަކާއި ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ހުންނާތީ "ހަމަ ކުއްލިއަކަށް މަސައްކަތް ހަވާލު ކުރެވޭނެ ގޮތެއް ނޯންނަ" ކަމަށެވެ.

ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ބަނދަރުތައް ޑިޒައިންކުރެވިފައިވާ މައިގަނޑު ސަބަބެއް ކަމަށް އަސްލަމް ވިދާޅުވީ ބައެއް ރަށްތަކުގެ މީހުންގެ ޑިމާންޑްތަކާ އެކު، އެކަމުގެ ފަންނީ ގާބިލުކަން ނެތި ނިންމުންތައް ނިންމިފައި ހުރުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355