twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޤާނޫނީ ކޮލަމް: ރަޖިސްޓްރީ ކުރަންޖެހޭ ވިޔަފާރި ދެނެގަތުން

Feb 20, 2020

މުޖުތަމައުގައި ތަފާތު އެކި ވައްތަރުގެ، އަދި ތަފާތު އެކި ފަންތީގެ ވިޔަފާރިތައް ނުކުރާ ފަރާތެއް މަދުވާނެއެވެ. އެއީ އިލެކްޓްރޯނިކް ތަކެތި މަރާމާތު ކޮށްދިނުމުގެ މަސައްކަތް ނަމަވެސް، ނުވަތަ އޮންލައިން ވިޔަފާރީ ނަމަވެސް، ނުވަތަ އޮފީހެއްގައި ޚިދުމަތެއް ދިނުން ނަމަވެސްމެއެވެ. މިފަދަ ކޮންމެ ވިޔަފާރިއެއްވެސް ކުރެވޭނީ ވިޔަފާރިކުރާ ތަނެއްގެގޮތުގައި ރަޖިސްޓްރީ ކޮށްގެންނެވެ.

ރަޖިސްޓްރީ ކުރަންޖެހޭނީ ކޮންކަހަލަ ވިޔަފާރި ތަކެއްތޯއާއި، އަދި ރަޖިސްޓްރީ ކުރުމުގައި ޢަމަލުކުރަންވީ އުސޫލަށް ބަލާލަމާތޯއެވެ.

ރަޖިސްޓްރީކުރަންޖެހޭ ވިޔަފާރިތައް

ވިޔަފާރިއެއް ހިންގަންވާނީ، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮންގެންނެވެ. އެގޮތުން ކުއްފުންޏެއްގެ ގޮތުގައި، ނުވަތަ ޕާރޓްނާޝިޕެއްގެ ގޮތުގައި، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ އެއްގެގޮތުގައި، ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި ރެޖިސްޓްރީ ކޮށްގެންނެވެ. ރަޖިސްޓްރީކުރުން ލާޒިމު ވިޔަފާރިތަކަށް ބަލާއިރު، އާމްދަނީ ހޯދުމުގެ ބޭނުމުގައިކުރާ، މުދާ ގަނެވިއްކުމުގެ މަސައްކަތް ވެގެންދާނީ، ރަޖިސްޓްރީ ކުރަންޖެހޭ ވިޔަފާރިއަކަށެވެ. މިސާލަކަށް ފިހާރައެއް ހުޅުވައިގެން، މުދާވިއްކާނަމަ އެވެގެންދާނީ ރަޖިސްޓްރީ ކުރަންޖެހޭ ވިޔަފާރިއެއްގެ ގޮތުގައެވެ.

ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ އުފެއްދުންތެރިކަމުގެ މަސައްކަތްތައް، ނުވަތަ ފޯރުކޮށްދޭ ފަންނީ ޚިދުމަތްތައް ހިމެނިގެންދާނީ ވިޔަފާރީގެ ތެރޭގައެވެ. މިސާލަކަށް ޓިއުޝަން ކްލާހެއް ހެދުމަށްފަހު، އެތަނުން ކުދިންނަށް ކިޔަވައިދޭނަމަ، އެކަން ހިމެނިގެންދަނީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ވިޔަފާރީގެ ތެރޭގައެވެ. އަދި މިނޫންވެސް މަސައްކަތްތަކަކީ، މާލީ ފައިދާއެއް ހޯދުމުގެ ނިޔަތުގައިކުރާ މަސައްކަތެއްނަމަ، ރަޖިސްޓްރީކުރުން ލާޒިމް ވިޔަފާރީގެ ތެރޭގައި ހިމެނިގެންދާނެއެވެ. މިސާލަކަށް ގެސްޓްހައުސް ވިޔަފާރި ވާނީ މިބާވަތުގެ ވިޔަފާރިއަށެވެ.

ވިޔަފާރިއެއް ރަޖިސްޓްރީކުރަންޖެހޭ ޙާލަތްތައް

ރަޖިސްޓްރީ ކުރަންޖެހޭ ވިޔަފާރިއެއްނަމަވެސް، ކުރާ ވިޔަފާރިއަކީ އަމިއްލަ ދިރިއުޅުމަށްޓަކާ އާމްދަނީ ހޯދުމުގެގޮތުން، އަމިއްލައަށްކުރާ މަސައްކަތެއްނަމަ، އެމަސައްކަތެއް ވިޔަފާރިއެއްގެގޮތުގައި ރަޖިސްޓްރީ ކުރާކަށްނުޖެހޭނެއެވެ.

އެހެންނަމަވެސް، އެ ވިޔަފާރި ހިންގަނީ އެކަކަށްވުރެ ގިނަމީހުން ވަޒީފާގައި ގެންގުޅެގެން ކަމުގައިވަނީނަމަ، އެވިޔަފާރިއެއް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. އަދި އެކުރާ ވިޔަފާރީ ހިންގަނީ މަސައްކަތްކުރާނެ ތަނެއް ޤާޢިމުކޮށްގެންނަމަ، ވިޔަފާރިއެއްގެގޮތުގައި ރަޖިސްޓްރީ ކުރަންވާނެއެވެ. މިސާލަކަށް، މުވައްޒަފަކު އައްޔަނުކޮށްގެން ޕްރިންޓް، ސްކޭން، އަދި ކޮޕީ ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދޭނަމަ، އެވިޔަފާރިއެއް ހިންގަންވާނީ ރަޖިސްޓްރީކޮށްގެންނެވެ. އަދި ވިޔަފާރިކުރަނީ އިލެކްޓްރޯނިކް ޒަރީއާއިންނަމަވެސް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. މިސާލަކަށް އޮންލައިންކޮށް މުދާވިއްކުންފަދަ ވިޔަފާރިތަކެވެ.

ރަޖިސްޓްރީކުރުމާއި ޙުއްދަ ހޯދުން

ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ލިޔެކިއުންތައް ފުރިހަމަ ކުރުމަށްފަހު، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ، މާލޭގައިނަމަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. އަތޮޅުތެރޭގައިނަމަ، އެރަށެއްގެ ރަށު ކައުންސިލަށެވެ. ވިޔަފާރިއެއްގެގޮތުގައި ރަޖިސްޓްރީކުރެވުމުން، އެވިޔަފާރީގެ ނަން ފާސްކުރުމަށް ހުށަހަޅަންވާނެއެވެ. އަދި ނަން ފާސްކޮށްދޭތާ 14 ދުވަހުގެތެރޭގައި ނަން ރަޖިސްޓްރީކުރުމަށް ހުށަހަޅާ، ވިޔަފާރިކުރުމުގެ ޙުއްދަ ހޯދަންވާނެއެވެ. އަދި ވިޔަފާރިކުރުމަށް ހުއްދަދޭތާ 7 ދުވަހުގެތެރޭގައި، ވިޔަފާރި ހިންގަންފަށާ ފަރާތުން އަންގަންޖެހޭ ހުރިހާ މަޢުލޫމާތެއް، އިކޮނޮމިކް މިނިސްޓްރީއަށް، ނުވަތަ ރަށު ކައުންސިލަށް އަންގަންވާނެއެވެ.

ޤާނޫނާ ޚިލާފުވާނަމަ އެޅިދާނެ ފިޔަވަޅު

ވިޔަފާރިއެއް ރަޖިސްޓްރީނުކޮށް ހިންގުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. ރަޖިސްޓްރީކުރުމަށްފަހު ހުށަހަޅަންޖެހޭ މަޢުލޫމާތު ހުށަނޭޅުމަކީވެސް ޤާނޫނާ ޚިލާފުކަމެވެ. ޤަނޫނާ ޚިލާފަށް މީހަކު ޢަމަލުކޮށްފިނަމަ، އޭނާ ކުރި ޢަމަލުގެ ކުޑަބޮޑުމިނަށް، ބަލާއި 1,000/-ރ އާއި 10,000/-ރ ގެ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު ޤާނޫނުގެދަށުން ބިޒްނަސް ރަޖިސްޓްރާއަށް ލިބިގެންދެއެވެ.

ވިޔަފާރިއެއްގެގޮތުގައި ރަޖިސްޓްރީކޮށްގެން ހިންގަންޖެހޭ މަސައްކަތެއްނަމަ، އެމަސައްކަތެއް ރަޖިސްޓްރީކޮށްގެން ހިންގުމަކީ، ކޮންމެ މީހެއްގެ މައްޗަށްވެސް ޤާނޫނުން ލާޒިމްކޮށްފައިވާ ކަމެކެވެ.

ލިޔުނީ: އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިން

އެޑިޓޯރިއަލް ނޯޓް: އަލްއުސްތާޛާ ޞަބްރިޔަތު ޙުސެއިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބުރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިންކަން އިތުރު ކުރުމުގެ މަޤުސަދުގައި ނަޝީދު އެންޑް ކޯ އުތުރު ބުރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ގާނޫނީ ލަފާކަމުގައި ނުބެއްލެއްވުން އެދެމެވެ. ދިމާވާ ވަކި ގާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަށްކަށްވާނީ، އެކަމަކަށް ވަކިން ގާނޫނީ ލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355