twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށި: ތަރައްގީ ނަމުގައި ރައްޔިތުންނަށް ދައްކަނީ ދަޅަ!

Feb 25, 2020
7

ރައްޔިތުންނަށް ތަރައްޤީގެ ނަމުގައި ސަރުކާރުތަކުން ދައްކަނީ ދަޅަ؟ މިއީ ވިސްނާލުން މުހިއްމު ސުވާލެކެވެ. ރަށް ރަށުގެ ޙާލަތު ކައިރިން ބަލައިލި ކޮންމެ މީހަކަށްވެސް މިއީ ހަމަ ކޮށްލެވޭނެ ސުވާލެއްކަން ޔަޤީނެވެ. ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުތަކުން ވަރަށްބޮޑަށް އިހުމާލުވެފައިވާކަން ކުޅުދުއްފުއްޓަށް އެކަނި ބަލައިލިޔަސް ފެންނާން އެބަހުއްޓެވެ. މިގޮތުން ކުޅުދުއްފުއްޓަށް އިހްމާލުވެފައިވާ ބައެއް ކަންކަމަށް ބަލައިލާނަމެވެ.

ބޯހިޔާވަހިކަމަށް އަޅައިދިން ރޯހައުސް:

ރާއްޖޭގެ ވެރިކަމަށް އެންމެ ފުރަތަމަ އެމްޑީޕީން އައި ދުވަސްކޮޅު ކުޅުދުއްފުށީގެ ބޯހިޔާވަހިކަން ހައްލުކޮށްދިނުމަށް ސަރުކާރުން މިރަށުގެ ތިން ސަރަހައްދެއްގައި ހައުސިންގ ޔުނިޓް ތަކެއްވަނީ އަޅަންފަށާފަ އެވެ. އެހެންނަމަވެސް އެމްޑީޕީގެ ވެރިކަން އޭރު ނިމުނު ހިސާބުން، އެ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ހުއްޓި އެތަންތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވިއެވެ. ނިމިދިޔަ ވެރިކަމުގައި އެ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މަރާމާތުކޮށް ހަވާލު ކުރެވުނީ ކަނބޯރަނި ހިޔާ ސަރަހައްދުގައި އެޅި ރޯހައުސްތައް އެކަންޏެވެ. ދެން ހުރި ހައުސިންގ ޔުނިޓުތައް ހުރިގޮތަށް ހުރީއެވެ. އެ ހައުސިންގ ޔުނިޓުތައް ނުހެދި ވީރާނާވާން ދޫކޮށްލާފައިވާތާ މިހާރު 10 އަހަރުވަނީއެވެ. މިއީ ބޯހިޔާވަހިކަން ނުލިބި ތިބި އެތައްބަޔަކަށް ސަރުކާރުތަކުން ދިން އަނިޔާއެކެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ، މާލޭގެ އެތަށް ސަރަހައްދެއްގައި ހަމަ މިމުއްދަތުގައިވެސް އެތަކެއް ފްލެޓް އިމާރާތެއް ހަދައި ނިންމައި ހަވާލުކޮށްފައިވާކަމެވެ.

ޓާޝަރީ ހޮސްޕިޓަލް

ހއ، ހދ އަދި ށ އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ޚިދުމަތް ދެމުންގެންދާ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ގެނެސް އެތަނުން މިރައްޔިތުން ބޭނުންވާ ފެންވަރުގެ އިތުބާރު ކުރެވޭ ޚިދުމަތެއް ލިބޭތޯ ދަންނަވާތާ ލައްކަ ޒަމާން ވެއްޖެއެވެ. ހޮސްޕިޓަލުގެ ފެންވަރު މަތި ކުރުމަށް ނިމިދިޔަ ސަރުކާރުން އިންޑިއާގެ ނިމްސްއާވެސް ހަވާލުކުރިއެވެ. ނަމަވެސް، ހޮސްޕިޓަލުން އޭރު ދެމުންގެންދިޔަ ޚިދުމަތްތައް އިތުރަށް ދަށްވެ ބައެއް ޚިދުމަތްތައް މެދުކެނޑުނެވެ. އެންމެ ފަހުން ނިމްސްއާއި ތަނުގެ މެނޭޖްމަންޓާ މައްސަލަޖެހި އެކަން އުވިދިޔައީއެވެ. ހައިރާންވާ ކަމަކީ ކޮންމެ ސަރުކާރަކުންވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކޮށް ނިމޭއިރު އޮންނަނީ، ކުރިން އެ ހޮސްޕިޓަލުން ދެމުންގެންދިޔަ ޚިދުމަތަށްވުރެ ފެންވަރުދަށްވެ އައިސީޔޫއަށް ގެންދާވަރުވެފައިކަމެވެ. މިއާ ޚިލާފަށް މާލެ ސަރަހައްދުން އެކި ދިމަ ދިމާލުން ހޮސްޕިޓާތައް އުޑާއި ހަމަޔަށް މައްޗަށް އަރައިގެން ދިޔައިރުވެސް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހަމަ ބިމުގައި ފިރުކިލަ ފިރުކިލާ އެބައޮތެވެ.

އާޓިފިޝަލް ބީޗް

އަތޮޅު ތެރޭގައި ފުރަތަމަ ފަހަރަށް އާޓިފިޝަލް ބީޗެއް ތަރައްޤީ ކުރެވުނީ ކުޅުދުއްފުށީގައި އެވެ. ބީޗުގެ މަސައްކަތް ނިމުނުއިރު، ބީޗުން ރައްޔިތުން ހިތްއެދޭ ކަހަލަ އެއްވެސް ސިފައެއް ނުފެނެއެވެ. މޫދުގެ ރާޅުޖަހާފަށުގައި ގިނަ އަދަދަކަށް ގައު އަރާ ވެލިގަނޑު އޮންނަނީ ގެއްލިފައެވެ. އާޓިފިޝަލް ބީޗް ހެދި މީހުން އެގާތައް އެ ސަރަހައްދުން ނަގައި ސާފުކޮށްފައިހުރި ކަމަކަށް ނުބެލެވެއެވެ. ބީޗްގެ ހިތްގައިމުންކަން އެއްކޮށްހެން ގެއްލިފައިވަނީ މި ސަބަބާ ހުރެއެވެ. ބީޗްގެ މަޝްރޫއު ފެށިއިރު ގިނަބަޔަކު އުއްމީދުކޮށްގެން ތިބީ ހިތްހަމަޖައްސާލަން ގޮސް ތިބެވޭނެ ރީތި ބީޗަކަށް އެތަން ވާނެ ކަމަށެވެ. ކުޑަކުދިން ވެލިކުޅެލާ ހަދަން ނަލަ ސާފުތަނަކަށް ވާނެކަމަށެވެ. ހީކުރި ގޮތާއި ޚިލާފަށް 2 ހުކުރުން 1 ހުކުރު ރައްޔިތުންނަށް ޖެހެނީ ބީޗުން ގައު ހޮވާށެވެ. ކުޅުދުއްފުށީ ރައްޔިތުން ބީޗުން ގައު ހޮވަ ހޮވާ ތިއްބައި، މާލޭގެ މާފަންނު ސަރަހައްދުގައި، ބާބަކިއު އޭރިޔާއަކާއި އައުޓްޑޯ ޖިމެއް ހިމެނޭގޮތަށް މުޅިން އައު އާޓިފިޝަލް ބީޗެއް ތަރައްޤީކޮށް ނިންމައި، ހެންވޭރުގައި އޮތް ކުރީގެ އާޓިފިޝަލް ބީޗް އެފެންވަރަށް ތަރައްޤީ ކުރުމަށް މިހާރު އޮތީ ހަވާލުކޮށްފައެވެ.

އާއެކެވެ. ކުޅުދުއްފުށީ ރައްޔިތުން މިހާރު ޓާޝަރީ ހޮސްޕިޓަލުން ފަރުވާ ހޯދައިގެން، އަމިއްލަ ރޯހައުސްތަކުގައި ނިދާލާފައި ފަތިހު މޫދަށް އެރިލަން ދަނީ ރީތި ދޮންވެލީގެ އާޓިފިޝަލް ބީޗަށެވެ. މިއީ، ތަރައްޤީގެ ނަމުގައި ސަރުކާރުތަކުން ކުޅުދުއްފުށީ ރައްޔިތުންނަށް ދައްކާ ދަޅަ ނޫން ދެން ކޯއްޗެއްހެއްޔެވެ. ރައީސް މައުމޫން ވެރިކަމުން ފެށިގެން މި ވޭތުވެދިޔަ 3 ވެރިކަން އަދި މިހާރު ހިނގަމުން މިދާ ވެރިކަމުގައިވެސް ރަށްރަށް ތަރައްޤީ ކުރުމުގައި ފަސްޖެހި ވައަތު ފަޔަށް ބުރަވެ، ތޮށްޖެހިފައިވާ މާލެއިން ނިންމާލާކަން ފާހަގަކުރެވެއެވެ. މާލެ ތަރައްޤީ ކުރާތީ މައްސަލަ އަކަށްވަނީއެއް ނޫނެވެ. މާލެއަށް ތަރައްޤީ އަންނަގޮތަށް ރަށްރަށަށް ވެސް ހައްޤުބައި ނުލިބޭތީއެވެ. ޖަޒީރާވަންތަ ހުވަފެންތަކައިގެން އައި މިސަރުކާރުން ކަންކުރާގޮތް ބަލަމާހެވެ. އުއްމީދަކީ ޖަޒީރާ ހުރިހާ ރަށަކަށްވެސް ހައްގު މިންވަރު ލިބި ހެޔޮ ބަދަލެއް އައުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355