ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ތާރީހީ ގޮތުން މުހިންމު އައްޑޫ ހުޅުމީދޫގެ ކޯގަންނު ސަރަހައްދުގައި ހިމެނޭ ރާފަޅާ ބީޗް ތަރައްގީކޮށްފިއެވެ.
"ރާ ފަޅާ ބީޗް" މިހާރުވެފައި ވަނީ، އަންހެނުންނާއި މެދު އުމުރާއި އުމުރުން ދުވަސްވީ މީހުން އެއްވެ، އިޖްތިމާއީ އެއްވުންތައް ބާއްވާ ތަނަކަށެވެ. ސިއްހީ ކަންކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް މީހުން ހޭލުންތެރި ކުރުމުގެ ސެޝަންތައް އެތަނުގައި ބާއްވަމުންދެއެވެ. އަދި ހާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ކެއުމާއި ސައިވެސް ބާއްވައެވެ.
މިތަނަށް ޒިޔާރަތް ކުރާ މީހުންނާއި މިރަށުގެ ރައްޔިތުންނަށް ވަގުތު ހޭދަކޮށްލަން ހިތްފަސޭހަ މައިޒާނެއް ގާއިމްކޮށް އެ މައިޒާނުގައި ބެންޗާއި ހަޓް އަދި އުނދޯލި ވަނީ ބަހައްޓާފަ އެވެ.
މި ޕްރޮޖެކްޓެކްގެ ދަށުން "ކޯގަންނު" ބަލަން ޒިޔާރަތްކުރާ މީހުންނަށް މަޑުކޮށްލެވޭނެ ހިތްފަސޭހަ މައިޒާނެއް ވަނީ ތަރައްގީކުރެވިފައި ކަމަށާއި މުޅި ޕްރޮޖެކްޓް ހިންގާފައި މިވަނީ މި ރަށުގެ އަންހެނުން އިސްނެގުމާއި އަމަލީ މަސައްކަތުންކަން ބީއެމްއެލްއިން ވަނީ ފާހަގަ ކޮށްފައެެވެ.
މި ޕްރޮޖެކްޓްގައި އެންމެ އިސްކޮށް މަސައްކަތް ކުރި ފަރީދާ އިބްރާހިމް ވިދާޅުވީ ރަށަށް އަންނަ ކޮންމެ މީހަކުވެސް ކޯގަންނަށް ޒިޔާރަތް ކުރާ ކަމަށާއި މީގެ އަހަރުތަކެއް ކުރިން އެތަން އޮންނަނީ ވާ ހެދިފައި ފަޅުކޮށް ކަމަށެވެ. މިތަނަށް ޒިޔާރަތްކުރާ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް އަމިއްލައަށް ފައިސާ އެއްކޮށްގެން މަސައްކަތް ކުރަން ޖެހުމުން އެތަން ހިތްފަސޭހަ ކުރުމުގެ މަސައްކަތް ބޭނުންވާ ދުވެލީގައި ކުރިއަށް ގެންދެވޭ ގޮތް އޮތީ ނުވެފަ ކަމަށްވެސް ފަރީދާ ވިދާޅުވި އެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ. މި ގޮތުން ބީއެމްއެލް އިން ވަނީ މިވޭތުވެދިޔަ 2019 ވަނަ އަހަރުތެރޭ ވަނީ 20 ރަށެއްގައި ޕްރޮގްރާމް ހިންގުމަށް އެއްމިލިއަން ރުފިޔާ ހޭދަކޮށްފައެވެ.