twitterviber whatsapp telegramfacebookyoutube instagram
21st May 2025

އުމްރާއަށް ދިއުން ސައުދީން ވަގުތީގޮތުން މަނާކޮށްފި

ޚަދީޖާ އާދަމް
Feb 27, 2020

ކޮވިޑް-19 ފެތުރޭތީ އުމްރާއަށް މީހުން ދިއުން ސައޫދީ އަރަބިއްޔާގެ ސަރުކާރުން ވަގުތީ ގޮތުން މަނާ ކޮށްފި އެވެ.

ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ފިޔަވަޅު އެޅީ ސައުދީ ރައްޔިތުންނާއި ހަރަމްފުޅަށް ޒިޔާރަތް ކުރާ މީހުންގެ ރައްކަލަކަށްކަމަށާއި ބަލި އެންމެ ގަދައަށް ފެތުރޭ ގައުމުތަކުން އެ ގައުމަށް ޓޫރިސްޓުންގެ ގޮތުގައި މީހުން އެތެރެވުން މަނާކޮށް މި ދުވަސްވަރު އުމްރާއަށް މީހުން ދިއުން ވެސް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ބަލި ކޮންޓްރޯލް ނުވެ ބައެއް ގައުމުތަކުގައި ބަލީގެ ހާލަތު ކުއްލިއަކަށް ވަރަށް ގޯސްވެފައި ވަނިކޮށް ސައޫދީން ނެރުނު ބަޔާނުގައި ބުނީ ބައްޔާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ސިއްހީ އެހެން ޖަމާއަތްތަކުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ސައޫދީން ވެސް އަމަލުކުރަމުން ދާނެ ކަމަށެވެ.

އުމްރާ އަށް މީހުން އައުން މަނާކުރި ވަކި މުއްދަތެއް ބަޔާނުގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް ރައްކާތެރިކަމުގެ ގޮތުން ސައޫދީން ހުރިހާ ކަމެއް ވެސް ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ

ކޮވިޑް-19 ފެތުރޭ ގައުމުތަކަށް ސައޫދީ ރައްޔިތުން ދަތުރު ނުކުރުމަށް އިލްތިމާސްކޮށް، އެ ގައުމުން ވަނީ ވިސާއާ ނުލައި، އައިޑެންޓިޓީ ކާޑު ބޭނުންކޮށްގެން ސައޫދީ އާއި ގަލްފުގެ ގައުމުތަކުގެ މީހުން އެ ގައުމުތަކުގެ ދެމެދުގައި ދަތުރުކުރެވޭ ގޮތަށް އޮތް އޮތުން ވެސް މި ވަގުތަށް މެދުކަނޑާލައިފަ އެވެ.

ޗައިނާއިން ފެތުރެންފެށި މި ބަލި މިހާތަނަށް 46 ގައުމެއްގައި ފެތުރިފައިވެ އެވެ.

ނޭވާލާ ނިޒާމަށް ޖެހޭ މި ބަލި 80،000 އަށް ވުރެ ގިނަ މީހުންނަށް ޖެހި 2،770 މީހަކު ވަނީ މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355