twitterviber whatsapp telegramfacebookyoutube instagram
2nd October 2022

ޤާނޫނީ ކޮލަމް: ތިގެ ކުއްޔަށްދޫކޮށްފައި އޮންނަނީ އެއްބަސްވުމެއްގެ ދަށުންތަ؟

Feb 27, 2020
1

ތިޔަ ފަރާތުން ކުއްޔަށްދޫކުރާ ގޯތި ނުވަތަ އިމާރާތް، ކުއްޔަށް ދޫކުރާތަނެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަންޖެހޭކަން އެނގިލައްވާތޯ؟ ތިޔަފަރާތުން އިމާރާތް ކުއްޔަށްދޫކޮށްފައިވަނީ، ކުއްޔަށް ދޫކުރުމަށް ހުއްދަކުރާ މުއްދަތަށްކަން ޔަޤީންތޯ؟ އެހެންބަޔަކު ދިރިއުޅުމަށް، ގެއެއް ނުވަތަ ގޭގެ ބައެއް ކުއްޔަށްދިނުމަކީ އާންމުކަމެކެވެ. ކިތަންމެ އާންމު ކަމެއްނަމަވެސް، ކުއްޔަށްދޫކުރާ ގިނަ ފަރާތްތަކުން، ކުއްޔަށްދޫކުރުމުގައި ޤާނޫނާއި ޤަވާޢިދުން ލާޒިމުކުރާ އުޞޫލުތަކާއި ޚިލާފަށް، ޢަމަލުތައް ބެހެއްޓުމުގެ ސަބަބުން، ތަފާތު މައްސަލަތައް ފެންމަތިވެއެވެ. ވީމާ، މިކަން ޤާނޫނުގައި އޮތްގޮތަށް ބަލާލަމާތޯއެވެ.

ދިރިއުޅުމަށްޓަކާ ކުއްޔަށްދޫކުރެވޭނެ ތަންތަން

ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް އެއްކޮށްވެސް ކުއްޔަށްދެވިދާނެއެވެ. މީގެއިތުރުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއްވެސް ކުއްޔަށްދެވިދާނެއެވެ. ހަމައެހެންމެ ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއްގައި ހަދާފައިވާ އިމާރާތެއް، ނުވަތަ އިމާރާތަކުން ބައެއް ކުއްޔަށް ދިނުމަކަށްވެސް ޤާނޫނީ ހުރަހެއްނެތެވެ. މިސާލަކަށް، ތިމާ ރަށުގައި ދިރިއުޅުނު ބަންޑާރަ ގޯތި، އެހެން ރަށަކަށް ބަދަލުވާއިރު، އަމިއްލަ ރަށުގައި ދިރިއުޅެމުންއައި ގޯތި އެއްކޮށްވެސް، ނުވަތަ އެގޯތީގައި ހަދާފައިވާ އިމާރާތުން ބައެއްވެސް އެހެންބަޔަކު ދިރިއުޅުމަށް ކުއްޔަށްދެވިދާނެއެވެ.

ދިރިއުޅުމަށްޓަކައި ކުއްޔަށްދެވޭނެ މުއްދަތު

ދިރިއުޅުމަށް ތަނެއް ކުއްޔަށްދޭއިރު، އެތަނެއް ކުއްޔަށްދެވޭނީ އެންމެ ގިނަވެގެން 50 އަހަރުގެ މުއްދަތަށެވެ. މީގެ މާނައަކީ، ދިރިއުޅުމަށްޓަކައި އެއްފަހަރާ ތަނެއް ކުއްޔަށްދެވޭނީ، އެންމެ ގިނަވެގެން 50 އަހަރަށްކަމެވެ. އެއްވެސް ޙާލެއްގައި، އެއްތަނެއް އެކިފަހަރުމަތިން 50 އަހަރަށްވުރެ ގިނަދުވަސްވަންދެން ކުއްޔަށްނުދެވޭނެ ވާހަކައެއްނޫނެވެ. ތަނެއް ކުއްޔަށްދޫކޮށްފައި ކިތަންމެ ދިގު މުއްދަތަކަށްވެސް ބޭއްވިދާނެއެވެ. މިސާލަކަށް، ކުއްޔަށް ހިފާފަރާތުން، 50 އަހަރަށްވުރެ ގިނަދުވަހަށް ތަނެއް ކުއްޔަށްހިފަން ބޭނުންނަމަ، 50 އަހަރަށް ތަނެއް ކުއްޔަށް ހިފުމަށްފަހު، އެމުއްދަތު ހަމަވުމުން، އަނެއްކާވެސް އެއްބަސްވުން އައުކުރެވިދާނެއެވެ.

ކުއްޔަށްދޭ ތަންތަން ރަޖިސްޓްރީކުރުން

ދިރިއުޅުމަށްޓަކައި ތަނެއް ކުއްޔަށްދޭނަމަ ކުއްޔަށްދޭ ތަނެއްގެގޮތުގައި، ސިޓީއެއްގައިނަމަ އެސިޓީއެއްގެ ސިޓީ ކައުންސިލްގައި، ނުވަތަ ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލްގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ކުއްޔަށްދޭ ތަނެއް ރަޖިސްޓްރީކުރަން، ކުއްޔަށްދޫކުރާ ގޯތީގެ ނުވަތަ ކުއްޔަށްދޫކުރާ އިމާރާތުގެ ރަޖިސްޓްރީ ހުށަހަޅަންޖެހޭނެއެވެ. މީގެ އިތުރުން، ކުއްޔަށްދޭން ކަނޑައަޅާފައިވަނީ ކޮންބައެއްކަން ރަނގަޅަށް އެނގޭނެހެން އޮތް، ގޯއްޗާއި އިމާރާތުގެ ކުރެހުމެއްވެސް ހުށަހަޅަންވާނެއެވެ.

ކުލީގެ އެއްބަސްވުމެއްއޮތުން ލާޒިމުވާ ޙާލަތްތައް

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެއްކޮށް، ނޫނީ ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައި، ހަދާފައިވާ އިމާރާތެއް އެއްކޮށް އެހެންފަރާތަކަށް، ކިތަންމެ ކުރުމުއްދަތަކަށް ކުއްޔަށްދޭނަމަވެސް ދޭންވާނީ، ކުއްޔަށްދޭފަރާތާއި ކުއްޔަށް ހިފާފަރާތާއި ދެމެދު، ކުލީގެ އެއްބަސްވުމެއް ވުމަށްފަހުގައެވެ. މީގެއިތުރުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއްގެ ބައެއް، ނޫނީ ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައި ހަދާފައިވާ އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް، ދިރިއުޅުމަށްޓަކައި ކުއްޔަށްދެނީ 1 އަހަރަށްވުރެ ގިނަދުވަހަށްނަމަ ކުއްޔަށްދޭންވާނީ، ކުއްޔަށް ހިފާފަރާތާއި ކުއްޔަށްދޫކުރާ ފަރާތާއި ދެމެދު، ކުލީގެ އެއްބަސްވުމެއް ވުމަށްފަހުގައެވެ.

ކުލީގެ އެއްބަސްވުމުގައިހުރުން ލާޒިމުވާ ކަންތައްތައް

ދިރިއުޅުމަށްޓަކައި ތަނެއް ކުއްޔަށްދޭއިރު ކުލީގެ އެއްބަސްވުމުގައި ކުއްޔަށްދޭ މުއްދަތާއި، ކުއްޔަށްދެނީ ކިހާވަރަކަށްކަން ހިމަނަންޖެހޭނެއެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކުލީގެ މުއްދަތު ހަމަވުމުގެކުރިން، ކުއްޔަށް ހިފިފަރާތުން ތަން ދޫކޮށްލާނަމަ، ނުވަތަ ކުއްޔަށްދިންފާރާތުން ތަން އަތުލާނަމަ، ކުއްޔަށް ހިފިފަރާތުން އެތަނުގައި އެއްވެސް އިމާރާތެއް ކޮށްފައިވާނަމަ އެއިމާރާތަކާއި، ދެންވެސް ކުއްޔަށް ހިފިފަރާތުގެ ނުއުފުލޭ މުދަލެއް ހުރިނަމަ، އެފަދަ މުދަލާމެދު ޢަމަލުކުރާނެގޮތް އެއްބަސްވުމުގައި އޮންނަންވާނެއެވެ. މީގެ އިތުރުން، ކުއްޔަށް ހިފިފަރާތް ނުވަތަ ކުއްޔަށް ދޫކުރިފަރާތް ނިޔާވެއްޖެ ޙާލަތެއްގައި، ކުލީގެ އެއްބަސްވުމަށް ވާނެގޮތެއް އެއްބަސްވުމުގައި އޮންނަންވާނެއެވެ. އެދެފަރާތުން ފަރާތެއް ނިޔާވެއްޖެނަމަ، ކުލީގެ އެއްބަސްވުން ނިމުމަކަށް އަންނާނީތޯ، ނުވަތަ ނިޔާވިފަރާތުގެ ވާރިސުން އެކުލީގެ އެއްބަސްވުން ކުރިއަށްގެންދާނީތޯ ދެފަރާތުން ކަނޑައަޅާ، އެއްބަސްވުމުގައި ހިމަނަންވާނެއެވެ.

ނިންމުން

ދިރިއުޅުމަށްޓަކައި ތަނެއް ކުއްޔަށްދޫކުރާއިރު އެކަންކުރުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތަށް ކުއްޔަށްދޭފަރާތުން ޢަމަލުކުރުމަކީ، ކުއްޔަށްދޭފަރާތުގެ ޙައްޤުތައް ރައްކާތެރިކުރުމަށްއެޅޭ ބާރެކެވެ. ކުއްޔަށްހިފާ ފަރާތުންވެސް، ކުއްޔަށްހިފާ ތަނަކީ ރަޖިސްޓްރީ ކުރެވިފައިވާ ތަނެއްކަމާއި، ކުލީގެ އެއްބަސްވުމެއްއޮތުން ލާޒިމުކުރާ ޙާލަތުގައި، ކުލީގެ އެއްބަސްވުމެއްއޮތްތޯ ކަށަވަރުކުރުމަކީ، އެފަރާތަށް ލިބިދޭ ރައްކާތެރިކަމެކެވެ.

ލިޔުނީ: އަލްއުސްތާޛާ ޠާހިރާ ޢުމަރު

އެޑިޓޯރިއަލް ނޯޓް: އަލްއުސްތާޛާ ޠާހިރާ ޢުމަރުއަކީ ނަޝީދު އެންޑް ކޯ އުތުރު ބުރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިންކަން އިތުރު ކުރުމުގެ މަޤުސަދުގައި ނަޝީދު އެންޑް ކޯ އުތުރު ބުރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ގާނޫނީ ލަފާކަމުގައި ނުބެއްލެއްވުން އެދެމެވެ. ދިމާވާ ވަކި ގާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަށްކަށްވާނީ، އެކަމަކަށް ވަކިން ގާނޫނީ ލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355