twitterviber whatsapp telegramfacebookyoutube instagram
27th April 2024

ގޮއިދޫގައި މެޑިކަލް ޓޫރިޒަމް ތަރައްގީކުރަނީ

- މި ޕްރޮޖެކްޓްގެ ދަށުން އެންމެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކުރެވޭނެ
- 90 ރޫމު ހިމެނޭ ޓޫރިސްޓު ފެސިލިޓީ އަކާއި ރިސާޗު ލެބެއް
- ފަރުވާދޭނީ ސްޓެމްސެލް ޓެކްނޮލަޖީ ބޭނުންކޮށްގެން

އަބްދުލް ވާހިދު ޙަސަން
Feb 29, 2020
2

ށ. ގޮއިދޫގައި މެޑިކަލް ޓޫރިޒަމް ތަރައްގީކުރުމަށް ބަޔަކާއެކު އެރަށު ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށް އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށަގަނެފި އެވެ.

ގޮއިދޫގައި މެޑިކަލް ޓޫރިޒަމް ފެސިލިޓީއެއް ތަރައްގީކުރަން އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ ލާވޯސަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެކު އެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް އިބުރާހިމް ޝާހިދު ކޭއޯއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، މި ޕްރޮޖެކްޓްގެ ދަށުން ރިސާޗު ލެބަކާއި ހޮސްޕިޓަލަކާއި 90 ރޫމު ހިމެނޭ ޓޫރިސްޓް ފެސިލިޓީއެއް ގާއިމުކުރެވޭނެ ކަމަށެވެ.

"
"ކުރުގޮތަކަށް ދަންނަވާނަމަ، މި ޕްރޮޖެކްޓްގައި ތަރައްގީކުރެވިގެންދާނީ ފައިވް ސްޓަރ ފެންވަރުގެ މެޑިކަލް ރިސޯޓެއް."
ގޮއިދޫ ކައުންސިލްގެ ރައީސް ޝާހިދު

އޭނާ ވިދާޅުވީ، މި ހޮސްޕިޓަލުގައި ފަރުވާދޭނީ ސްޓެމްސެލް ޓެކްނޮލަޖީ ބޭނުންކޮށްގެން ކަމަށާއި ހޮސްޕިޓަލުން ޒަމާނީ ފެންވަރުގެ ގިނަ ހިދުމަތްތައް ލިބޭނެ ކަމަށާއި މިތަނުގެ ހިދުމަތްތައް ފަތުރުވެރިންގެ އިތުރުން ރަށާއި އަތޮޅާއި ސަރަހައްދުން ޖުމްލަކޮށް މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބޭނެކަމަށް ޝާހިދު ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން ގޮއިދޫގައި މެޑިކަލް ޓޫރިޒަމް ތަރައްގީކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންތައްތައް ދެ ފަރާތް ގުޅިގެން ކުރުމަށް ވަނީ އެއްބަސްވެފަ އެވެ. އެގޮތުން މިކަމަށް ނަގަން ޖެހޭ ހުއްދަތައް ނެގުމާއި ގާނޫނީގޮތުންނާއި އަދި ފަންނީގޮތުން ނަގަންޖެހޭ ހުއްދަތައް ނެގުމަށް އިދާރީ ގޮތުން އަދި ގާނޫނީ ގޮތުން ފުރިހަމަވާން ޖެހޭކަންކަން ފުރިހަމަކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ޝާހިދު ވިދާޅުވި އެވެ.

އެގޮތުން މިހާރުވެސް ޕްލޭނިންގ މިނިސްޓްރީ އާއި ރައީސް އޮފީހަށް ގާނޫނީ ގޮތުންނާއި އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ހުށަހެޅިފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މި ޕްރޮޖެކްޓް ތަރައްގީ ކުރެވިގެންދާނީ ފައިވް ސްޓަރ ފެންވަރުގެ މެޑިކަލް ރިސޯޓެއްގެ ގޮތުގައި ކަމަށެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ލިބި ދަނޑުވެރިކަމާއި މަސްްވެރިކަމާއި އެކި ދާއިރާތަކަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355