twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކައުންސިލް އިންތިހާބަށް 2435 މީހުން ކުރިމަތިލައިފި

ނަބީލާ އިސްމާޢީލް
Mar 1, 2020

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި 2435 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 2،435 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެންމެ ގިނަ މީހުން ކުރިމަތިލާފައިވަނީ އެމްޑީޕީންނެވެ. އެއީ 876 ކެންޑިޑޭޓުންނެވެ. ދެ ވަނަ އަށް އެންމެ ގިނައިން ކުރިމަތިލި ޕީޕީއެމްގެ ކެންޑިޑޭޓުންގެ އަދަދަކީ 679 އެއް ކަމަށެވެ. ޖުމްހޫރީ ޕާޓީން ކުރިމަތިލީ 127 ކެންޑިޑޭޓުންނެވެ. އަދާލަތު ޕާޓީން 30 ކެންޑިޑޭޓުންނެވެ. އެމްޑީއޭ އިން 22 ގޮނޑިއަކަށް އަދި އެމްއާރުއެމުން 16 ގޮނޑިއަކަށް ކެންޑިޑޭޓުން ނެރުނު ކަމަށް ޝަރީފް ވިދާޅުވި އެވެ. މީގެ އިތުރުން އެމްއެލްއެސްޑީޕީން ހަތަރު ގޮނޑިއަކަށް ކެންޑިޑޭޓުން ނެރުނުއިރު ޑީއާރުޕީން ވާދަކުރަނީ އެއް ކެންޑިޑޭޓަކު ކަމަށާއި މި އިންތިހާބުގައި އަމިއްލަ ގޮތުން 680 ކެނޑިޑޭޓުން ވާދަކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އިންތިހާބުގައި 12 ރަށެއްގެ 15 ގޮނޑިއަކަށް މީހުން ކުރިިމަތިލާފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ކަމަށް ވާތީ އެ މީހުން އެ މަގާމުތަކަށް ހޮވިފައިވާ ކަމަށް މިވަގުތު ބަލަންޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް 1،817 މީހަކު ކުރިމަތިލާފައިވާ ކަމަށާއި އޭގެ ތެރެއިން 22 ރަށަކަށް ކުރިމަތިލާފައި ވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ކަމަށްވާތީ ނަން އަނބުރާ ނުގެންދާ ނަމަ އިންތިހާބަކާ ނުލައިި އެ މީހުން އެ މަގާމުތަކަށް ހޮވޭނެ ކަމަށެވެ. އަދި ތިން ރަށެއްގެ އަންހެނުންގެ ކޮމިޓީ އަށް އިންތިހާބު ކުރަންޖެހޭ އަދަދަށް ވުރެ މަދުން މީހުން ކުރިމަތިލާފައިވާ ކަމަށާއި އެހެން ދެ ރަށެއްގައި އެއްވެސް މީހަކު އެ ކޮމިޓީ އަށް ވާދަނުކުރާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެހެންކަމުން އެ ރަށްތަކުގައި ކޮމިޓީތަކަށް ކުރިމަތިލާން އަލުން ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި އިންތިހާބުގައި އެހެން ތަންތަނަށް ވޯޓުލުމަށް ރީރަޖިސްޓަރީ ކުރުމަށް 22،000 އަށް ވުރެ ގިނަ ފޯމު ލިބިފަ ވާކަމަށާއި 53 ރިސޯޓެއްގައި ރީރަޖިސްޓަރީ ވާން ހުޅުވާލި ނަމަވެސް ވޯޓު ފޮށި ބަހައްޓަން ބޭނުންވާ މިންވަރަށް ރީރަޖިސްޓަރީ ކުރީ 22 ރިސޯޓެއްގައި ކަމަށެވެ. އެހެން ފަހަރުތަކާ އަޅާ ބަލާއިރު ރިސޯޓްތަކުގެ ރީރަޖިސްޓަރީ ވެފައިވާ މިންވަރު މަދު ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ވޯޓު ފޮށި ނުބެހެއްޓޭ ރިސޯޓްތަކުގެ މުވައްޒަފުންނަށް އެހެން ތަންތަނަށް ރަޖިސްޓަރީ ވާން ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ 6300 އަށް ވުރެންގިނަ އޮފިޝަލުން އިންތިހާބުގައި ހަރަކާތްތެރިވުމަށް ބޭނޫންވާކަމަށާއި ނަމަވެސް އެކަށީގެންވާ އަދަދަށް އޮފިޝަލުން އަދިވެސް ނުލިބޭކަމަށެވެ. ރަށްރަށުގައި ތިބި ސިވިލް ސާވިސް މުވައްޒަފުން ހިމަނައިގެން މިހާތަނަށް ލިބުނީ 4،000 އޮފިޝަލުން ކަމަށެވެ. ނަމަވެސް އަދި އިތުރަށް 2،000 އޮފިޝަލުން ބޭނުންވާއިރު ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ ކުންފުނިތަކާ އެކު މަޝްވަރާކޮށް އިތުރު އޮފިޝަލުން ލިބޭތޯ ބަލަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ. އަދި ޝައުގުވެރިވާ މީހުން އެކަމަށް ކުރިމަތިލާން އެދޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ޕާޓީތަކުގެ މެމްބަރުން އޮފިޝަލުންގެ ގޮތުގައި ނެގިނަމަވެސް އެކަމުގައި ޕާޓީތަކުގެ މެދުގައި ހަމަހަމަ އުސޫލެއް ގެންގުޅޭނެ ކަމަށެވެ. އަދި އޮފިޝަލުންނަށް ދޭ އެލަވަންސް ވެސް މި އިންތިހާބުގައި ބޮޑު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުން އަންނަ ހަފުތާގައި ބާއްވާނެ ކަމަށާއި އޭގެ ފަހުން ކެމްޕެއިން ރަސްމީކޮށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. މި މަހުގެ 12 ވަނަ ދުވަހު ފައިނަލް ރީރަޖިސްޓްރޭޝަން ލިސްޓް އާންމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355