އަތޮޅުތަކާއި މާލޭގައި ޒުވާނުންނާ ގުޅުން ހުރި ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތު،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ފަށައިފިއެވެ.
ސަރުކާރުގެ 30 އިދާރާއަކުން ބައިވެރިވެގެން ކުރިއަށް ގެންދާ މި ފޯރަމް ފައްޓަވާދެއްވީ ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފެވެ. އެގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ޖެހޭކަން ފާހަގަކުރައްވާ މަހުލޫފް ވިދާޅުވީ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގައިވެސް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި މިއީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ މަސައްކަތެއް ނޫންކަމަށެވެ.
މި ފޯރަމްގައި ޒުވާނުން އެކި ކަންތައްތަކުގައި ބައިވެރިކުރުމުގައި ޖަމިއްޔާތަކާއި ވުޒާރާތަކުން ކުރިއަށްގެންދާ ހަރަކާތްތަކަގައި ޒުވާނުންގެ ދައުރު އިތުރުކުރުމަށްޓަކައި މަޝްވަރާކުރާނެއެވެ. ޒުވާނުން ބާރުވެރިކުރުމަށާއި ދުޅަހެޔޮކަމާއި ސިއްހަތާ ގުޅެގޮތުން މަޝްވަރާކޮށް ޒުވާނުންނަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކާގުޅޭގޮތުންނާ މިކަން ހައްލުކުރުމަށްޓަކި ކުރެވިދާނެ ކަންކަމާ ގުޅެގޮތުން މަޝްވަރާކުރާނެކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
ޔޫތް މިނިސްޓްރީން ވިދާޅުވީ މި ފޯރަމްގެ އިތުރުން ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި އެކުވެސް ފޯރަމެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ.