twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޮވިޑް 19 އަށް ޓެސްޓްކުރަނީ ޑަބްލިއުއެޗްއޯގެ މިންގަނޑަށް

ނަބީލާ އިސްމާޢީލް
Mar 3, 2020

ޗައިނާއިން އުފަންވެގެން ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި ޓެސްޓުކުރާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ލެބޯޓަރީއަށް ތަހުލީލު ކުރަން ގެންނަ ކޮންމެ ވައްތަރެއްގެ ސާމްޕަލަކާ މެދު ވެސް އަމަލު ކުރަމުންދަނީ އިންސާނުންނަށް ގެއްލުމެއް ލިބިދާނެ އެއްޗެއްގެ ގޮތުގައި ކަމަށެވެ. އެއީ ނުރައްކާތެރި އަދި ވަކި ބައްޔަކަށް ޝައްކު ނުކުރެވޭ ސާމްޕަލަކަށް ވީނަމަވެސް އެތަކެތި އުފުލުމާއި ތަހުލީލު ކުރުމުގައި ވެސް ރައްކާތެރިވުމުގެ ގޮތުން ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެ ހޮސްޕިޓަލުން ބުނީ ކޮވިޑް-19ގެ ސާމްޕަލްތައް އުފުލުމާއި ތަހުލީލު ކުރުމުގައި ވެސް އެ ހޮސްޕިޓަލުން އަމަލު ކުރަމުން ދަނީ ޑަބްލިއުއެޗްއޯ އާއި ކަމާ ބެހޭ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ޕްރޮޓޮކޯލާ އެއްގޮތަށް ކަމަށާއި ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ފަރާތްތަކުގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރަމުން އަންނަ ކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގައި 88،000 އަށް ވުރެ ގިނަ މީހުންގެ ގައިން ވައިރަސް ފެނި އަދި 3،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ މަރުވެފަ އެވެ. ނަމަވެސް ރާއްޖެ އިން މިހާތަނަށް އެ ވައިރަސް ފެނިފައި ނުވިނަމަވެސް ސިއްހީ މާހިރުންގެ އިރުޝާދަކީ ފަރުދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ރައްކާތެރިވެ ތިބުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355