twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޮވިޑް-19 އަށް ހާއްސަ އިމަޖެންސީ ސެންޓަރެއް ގާއިމުކޮށްފި

ނަބީލާ އިސްމާޢީލް
Mar 3, 2020

ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ހިމެނޭގޮތަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކޮށްފިއެވެ.

މި ސެންޓަރުގެ ބޭނުމަކީ މި ބައްޔާއި މެދު ރާއްޖެއިން އަޅާ ފިޔަވަޅުތަކާއި އަދި ރާއްޖެ އޮތް ހާލަތު ދެނެގަތުމަށް އެކުލަވާލި އޮޕަރޭޝަން ސެންޓަރެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި މި ބަލި ފެތުރެމުން އަންނަ މިންވަރަށް ބަލައި ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮތުމާއިއެކު ސަރުކާރުން މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ.

ރާއްޖެއިން އަދި މި ވައިރަސްއަށް މީހަކު ޕޮޒިޓިވްވެފައި ނުވިނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ދިވެހިރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ފުޅާކޮށް ގައުމީ ފެންވަރުގައި ދައުލަތުގެ ހުރިހާ އިދާރާތައް ގުޅިގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ގައުމީ ފެންވަރުގައި އެކުގައި ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19 އަށް ހާއްސަކޮށްގެން މާލޭގައި މިއަދު ޑްރިލްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޑްރިލް ބާއްވަނީ މީހުން ދިރިއުޅޭ ތަނެއްގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އަމަލު ކުރާނެ ގޮތަށް ފަރިތަ ކުރުމަށެވެ.

ސަރުކާރުން މިހާރު ނިންމާފައި ވަނީ މާލޭގައި ޓްރެވަލް ކްލިނިކެއް ގާއިމް ކުރުމަށްކަމަށާއި އެ ކްލިނިކުގެ ބޭނުމަކީ ރާއްޖޭން ބޭރަށް ދަތުރުކޮށްފައި އަންނަ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމެވެ.

އަދި މިދުވަސްވަރު ފެތުރެމުންދާ އެހެން ރޯގާ ތަކަށް ހާއްސަ ކޮށްގެން ފުލޫ ކްލިނިކެއް ސެނަހިޔާގައި ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެ އެވެ.

ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ދުރާލާ ރާވައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކަމާގުޅޭ މުއައްސަސާތަކުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުންގެންދާ ސައްހަ މައުލޫމާތުގެ އަލީގައި ފަރުދީގޮތުން ކުރެވެންހުރި މުހިއްމު ކަންކަން ފުރިހަމަކުރުމަށް އެޗްޕީއޭއާއި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355