twitterviber whatsapp telegramfacebookyoutube instagram
20th April 2024

ގާނޫނީ ކޮލަމް: އިންޖެކްޝަން ޖެހުމުގެ ކުރިން ހުއްދަ ހޯދާތަ؟

Mar 5, 2020

ތިމާ ބަލިވެގެން ޑޮކްޓަރަށް ދައްކަންދިއުމުން ބަލި ދެނެގަތުމަށާއި، ބައްޔަށް ފަރުވާކުރުމަށްކުރެވޭނެ ކަންތައްތަކަކީ ކޮބާކަން ބަލިމީހާއަށް ރަނގަޅަށް ބުނެދޭންވާނެކަން އެނގޭތޯއެވެ؟ ބަލިމީހާ އަމިއްލައަށް ގޮތެއް ނިންމޭނެ މިންވަރަށް، ފަރުވާއިން ލިބޭނެ ފައިދާއާއި، އެފަރުވާއަކުން ލިބިދާނެ ނުރައްކާތަކަކީ ކޮބާކަން އެކަށީގެންވާ މިންވަރަށް ބުނެދޭންޖެހޭކަން އެނގޭތޯއެވެ؟ ބަލިމީހާއަށް ހިތްހަމަޖެހޭ ފަރުވާއެއް ލިބިގަތުމުގެ ފުރުސަތު އޮތްކަން އޮޅުންފިލުވައި ނުދީ ބަލިމީހާގެ ރުހުމާނުލާ ފަރުވާދީ، އެފަރާތަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން އިތުރު ގެއްލުންތަކެއްލިބި، އެކަމުގެ ވޭނުގައި އުޅެމުންދަނީ ކިތަށް މީހުންތޯއެވެ؟

ޞިއްޙީ ޚިދުމަތް ހޯދާފަރާތަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ފުރިހަމައަށް ފޯރުކޮށްދީ އެކަމަށް ރުހުންދެވޭ ޙާލަތްތަކާއި، ރުހުމާނުލާ ފަރުވާދެވޭނެ ޙާލަތްތަކަށް ބަލާލަމާތޯއެވެ.

ބަލިމީހާގެ ރުހުންހޯދުން

ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގެކުރިން އެ ޚިދުމަތް ހޯދާ ފަރާތުގެ ހުއްދަ ހޯދުމަކީ، ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ މައްޗަށް ޤާނޫނުން ލާޒިމުކުރާ ޒިންމާއެކެވެ. ޖެހިފައިވާ ބައްޔަކީ ކޮބާކަމާއި، ބައްޔަށް ފަރުވާ ހޯދުމަށްކުރަންޖެހޭ ކަންތައްތައް ބަލިމީހާއަށް ބުނެދިނުމަށްފަހު، އެކަމަށް އޮތް ފަރުވާ ކުރިއަށްގެންދަން ބުނެފިނަމަ، ބެލެވޭނީ ބަލިމީހާ ރުހުންދިންކަމަށެވެ. އެޚިދުމަތަކާއި ދެކޮޅުނުހަދާ އެއްޗެއްނުބުނެ ހުރިނަމަވެސް، ބެލެވިގެންދާނީ އެކަމަށް ބަލިމީހާ ރުހުންދިންކަމުގައެވެ.
މިސާލަކަށް، ހުންއައިސްގެން ޑޮކްޓަރަށް ދައްކަންދިޔުމުން، އެފަރާތަށް ބައްޔާއި ބެހޭގޮތުންނާއި، ދެވެންހުރި ފަރުވާއާއިބެހޭގޮތުން އިތުރު މަޢުލޫމާތު ނުދީ، ރުހުން ހޯދުމެއްނެތި ވަގުތުން އިންޖެކްޝަނެއް ޖެހުމަށް ލަފާދިނުމަކީ އެކަށީގެންވާ ގޮތެއްނޫނެވެ. ހުއްދަކޮށްފައިވާ ގޮތެއްވެސްނޫނެވެ. ހަވާލުވެހުރި ޞިއްޙީ ޚިދުމަތްދޭ ފަރާތަކުން އެކަމަށްދެވޭނެ އެހެނިހެން ފަރުވާތައް ބުނެދިނުމަށްފަހު، ބަލިމީހާއަށް ފަރުވާދިނުމައިގެން ކުރިޔަށްދާންވާނީ ބަލިމީހާގެ ރުހުން ލިބުމަށްފަހުއެވެ.
ރުހުންދިނުމަށް ބަލިމީހާގެ ޞިއްޙީ ޙާލަތުތަންނުދޭ ޙާލަތެއްގައި، އޭނާގެ ފަރާތުން ރުހުންދިނުމަށް ކަނޑައަޅާފައިވާ ފަރާތެއް، މިސާލަކަށް ބަލިމީހާގެ ޤާނޫނީ ބަލަދުވެރިޔެއް، ނުވަތަ ބެލެނިވެރިއެއްގެ ރުހުން ލިބިއްޖެނަމަ ބަލާނީ އެފަރުވާއަށް، ނުވަތަ އެޚިދުމަތަށް ރުހުންދިންކަމުގައެވެ. އެގޮތުން ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދެވޭ މީހާ، އޮޕްރޭޝަންކުރުމަށް އާއިލާގެ ފަރާތުން އެއްބަސްވާނަމަ، އެދެވެނީ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ރުހުމެވެ.

ކުޑަކުއްޖެއްގެ ރުހުން ޤަބޫލުކުރެވޭނެތަ؟

18 އަހަރުނުވާ ކޮންމެ ފަރާތަކީ ޤާނޫނުގެ ކުރިމަތީގައި ކުޑަކުދިންނަށްވާއިރު، އެފަދަ ކުއްޖަކު ޞިއްޙީ ފަރުވާއެއް ހޯދުމަށްއައިނަމަ، ބަލި ކުއްޖާއަށް ފަރުވާދިނުމަށް ބޭނުންވާ ރުހުން ލިބުންކަމަށްބަލާނީ، އެކުއްޖެއްގެ ބެލެނިވެރިޔާ ރުހުން ލިބުމުންނެވެ. ނަމަވެސް ޞިއްޙީ ޚިދުމަތް ލިބިގަންނަ ކުއްޖަކީ، ޢުމުރުން 15 އަހަރާއި 18 އަހަރާއި ދެމެދުގެ ޢުމުރުގެ ކުއްޖެއްނަމަ، އެކުއްޖަކަށް ފަރުވާދޭންވާނީ އެކުއްޖާގެ ބެލެނިވެރިޔާގެ އިތުރުން، އެކުއްޖާގެ ރުހުން އެކަމަށް ހޯދުމަށްފަހުގައެވެ.

ބަލީމީހާގެ ރުހުމާނުލާ ފަރުވާދެވޭނެ ޙާލަތްތައް

ބައެއް ޙާލަތްތަކުގައި ޞިއްޙީ ފަރުވާހޯދުމަށް، ބަލިމީހާއަކީ ރުހުންދިނުމުގެ ޤާބިލުކަންނެތް މީހަކަށްވެދާނެއެވެ. އޭނާގެ ފަރާތުން ރުހުންދޭނެ އިތުރު ފަރާތެއްނެތިވެސް ހިނގައިދާނެއެވެ. ނަމަވެސް އެފަދަ ޙާލަތެއްގައި ރުހުމާނުލާ ޞިއްޙީ ޚިދުމަތް ފޯރުކޮށްދެވޭނެ ޙާލަތްތަކެއް ޤާނޫނުންވަނީ ފަހިކޮށްދީފައެވެ. އެގޮތުން ބަލިމީހާއަށް އެޚިދުމަތެއް ފޯރުކޮށްނުދިނުމުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ޞިއްޙީ ޚިދުމަތްދޭ ފަރާތަށް ލަފާކުރެވޭނަމަ، ރުހުމާނުލާ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. މީގެއިތުރުން ބަލިމީހާއަށް ފަރުވާދިނުން ލަސްވެއްޖެނަމަ، އޭނާގެ ފުރާނައަށް ނުރައްކާވެދާނެކަމަށް، ނުވަތަ ރަނގަޅު ނުކުރެވޭނެފަދަ ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ފަރުވާދޭ ފަރާތަށް ފެންނަ ހިންދެއްގައި، ބަލިމީހައަށް ފަރުވާދިނުން ލާޒިމްވާނެއެވެ. މިސާލަކަށް، އެކްސިޑެންޓެއްގައި ބޮޑެތި ޒަހަމްތަކަކާއެކު ޞިއްޙީ މަރުކަޒަކަށްގެނެވޭ ފަރާތަކަށް ފަރުވާދިނުމަށް ރުހުންދިނުމަށް އެމީހަކު ނުކުޅެދޭ ޙާލަތުގައިވެސް، އެމީހަކަށް ފަރުވާދިނުމަށް އަވަސްކުރަންވާނެއެވެ. ޚިދުމަތް ފޯރުކޮށްދޭފަރާތުން ރުހުން ހޯދަންޖެހޭ ބައެއް ޙާލަތްތަކުގައި ޤާނޫނަކުން، ނުވަތަ ކޯޓު އަމުރެއްގެދަށުން ބާރުލިބިގެންވެސް ފަރުވާދިނުމަށް ރުހުން ލިބިގެންދެއެވެ.

ނިންމުން

ޞިއްޙީ ޚިދުމަތަކަށް ބޭނުންވާ ރުހުންހޯދުމާއި ދިނުމަކީ، ޞިއްޙީ ޚިދުމަތެއް ހޯދުމަށް ޞިއްޙީ ޚިދުމަތްތެރިއެއްގެ ގާތަށް އަންނަފަރާތާއި، އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ މައްޗަށް ޤާނޫނުން ލާޒިމްކޮށްފައިވާކަމެކެވެ. ބަލިމީހާއަށް ދެވެންހުރި އިތުރު ފަރުވާތަކާއި، އަދި ފަރުވާ ލިބިގެންދާނެ އަވަސްމިން ބުނެދީ އެކަމަށް ރުހުން ހޯދުމަށްފަހު ފަރުވާދިނުމަކީ، ބަލިމީހާއަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރި ކުރެވިގެންދާނެކަމެކެވެ.

ލިޔުނީ: ޞަބްރިޔަތު ޙުސައިން

އެޑިޓޯރިއަލް ނޯޓް: އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބުރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިންކަން އިތުރު ކުރުމުގެ މަޤުސަދުގައި ނަޝީދު އެންޑް ކޯ އުތުރު ބުރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ގާނޫނީ ލަފާކަމުގައި ނުބެއްލެއްވުން އެދެމެވެ. ދިމާވާ ވަކި ގާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަށްކަށްވާނީ، އެކަމަކަށް ވަކިން ގާނޫނީ ލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355