އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ބާތިލު ވޯޓް ގިނަވެދާނެކަމަށް ލަފާކުރެވޭތީ އިންތިހާބުތަކާއި ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހު އިންތިހާބު ފެށުމުގެ ކުރިން ފާސްކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އެދިއްޖެ އެވެ.
ޝަރީފު ވިދާޅުވީ އަންނަ މަހު 4 ވަނަ ދުވަހު އޮންނަ ލޯކަލް ލައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގައި ވޯޓުލާ މީހާގެ އަތަށް 2 ވޯޓް ކަރުދާސް ލިބޭނެ ކަމަށާއި ކައުންސިލް އިންތިހާބުގެ ވޯޓް ކަރުދާހުގައި ހަތަރު ވޯޓެއްލާން ޖެހޭކަމަށެވެ. އަދި އިންތިހާބަށް ކޮންމެ މީހަކު ދޭ ވޯޓަކީ ސައްހަ ވޯޓަކަށް ހެދުމަށް ހާއްސަ ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ކަރުދާހުގައި ގިނަ ވޯޓުލާން ޖެހުމުންނާއި މިހާރު ގާނޫނު އޮންނަގޮތުން ވޯޓު ކަރުދާހުން ހޮވަންޖެހޭ އަދަދަށްވުރެ ގިނައިން ފާހަގައެއް ޖަހައިފިނަމަ މުޅި ވޯޓުކަރުދާސް ބާތިލުވެގެންދާކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބާތިލު ވޯޓު ގިނަވާނެ ކަމަށް ބެލެވޭތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހަށް ޝަރީފްވަނީ މަރުހަބާ ވިދާޅުވެ އެއިސްލާހު ވީހާވެސް އަވަހަށް ފާސްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.
މި އިސްލާހު ފާސްވެއްޖެނަމަ ވޯޓު ކަރުދާހުގެ ފާހަގަ ޖަހަންޖެހޭ އަދަދަށް ވުރެ ގިނައިން ފާހަގަ ޖަހާފައިވާނަމަ ބާތިލުވާނީ ހަމައެކަނި ގިނައިން ފާހަގަޖެހި މަގާމުގެ ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައިސް ވަނީ ހުރިހާ ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުންވެސް ކުރިއަށްއޮތް އިންތިހާބުގައި ވޯޓު ބާތިލުވާނެ ގޮތް އާންމު ފަރާތްތަކަށް ހާމަކޮށްދީ ހޭލުންތެރިކުރުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ސައްހަ ވޯޓެއްކަން ޔަގީންކުރުމަށް އާންމުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.