ކުޅުދުއްފުށިން ކައްކާ ގޭސް ހުސްވެ، ވިޔަފާރިތަކަށާއި އާންމުންނަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ. ކުޅުދުއްފުއްޓަށް ކައްކާ ގޭހުގެ ހިދުމަތް މިހާރު ފޯރުކޮށްދެމުން ގެންދަނީ އެންމެ ފަރާތަކުންނެވެ.
ކައްކާ ގޭސް ހުސްވުމުގެ ސަބަބުން ބައެއް ހޮޓާ ރެސްޓޯރެންޓްތަކަށް އަދި ބޭކަރީތަކުގެ ވިޔަފާރިއަށް ވަނީ ބުރޫއަރާފަ އެވެ. ރައްޔިތަކު ބުނީ ގޭސް ހުސްވިކަން އެނގުނީ އެ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ވިޔަފާރި "ސޭމް" އަށް ގުޅާފައި ގޭސް ފުޅިއަކަށް އޯޑަރުކުރުމުން ކަމަށެވެ. އަދި އެގޮތުން ގޭސް ހުސްވެފައިވާ ކަމަށާ ގޭސް ލިބޭނީ މިރޭގެ ވަގުތެއްގައި ކަމަށް ބުނެފައިވާ ކަމަށެވެ.
"އާންމު ރައްޔިތުންނަށް ދެމުންދާ އަސާސީ ހިދުމަތެއް މިއީ. އެހިދުމަތް މެދުކެނޑިގެން ނުވާނެ. މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންކަމެއްނޫން. ހުރިހާ ރައްޔިތުންނަކީ އެއްވަރުގެ ފުއްދުންތެރި ބައެއްނޫން ދެފުޅި ކައްކާގޭސް ގަނެގެން ނުގެންގުޅެވޭނޭ އެހެންނޫންތޯ. އެއްފުޅި ހުސްވީމާ އަނެއްފުޅި މިގެންނަނީ" އެމީހާ ބުންޏެވެ.
ކޭއޯއާ ވާހަކަދައްކަމުން ކުޅުދުއްފުށީގައި ކައްކާ ގޭހުގެ ހިދުމަތް ދެމުންދާ ސޭމް ކުންފުނީގެ އޮފިޝަލަކު ބުނީ މިވަގުތު ކައްކާ ގޭހުގެ ސްޓޮކް ހުސްވެފައިވާ ކަމަށާއި މިހާރު ގޭސް ހިފައިގެން ކުޅުދުއްފުއްޓަށް ދޯނި ދަތުރު ކުރަމުންދާ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ރައްޔިތުންނަށް ކުރިއެކޭ އެއްގޮތަށް ގޭހުގެ ހިދުމަތް ލިބިގެން ދާނެކަމަށެވެ.
"އަޅުގަނޑުމެންގެ ސްޓޮކް ފުރައިޑޭއާއި ހަމައަށް ހުއްޓާ ކުއްލިއަކަށް އަތޮޅުތެރެއަށް މީހުން ގޭސް ބޭނުންވެގެން އިއްޔެ ގިނަ އަދަދެއްގެ ގޭސް ވިއްކުމުގެ ސަބަބުން ރޭގެ ވަގުތެއްގައި މިވަނީ ސްޓޮކް ހުސްވެފައި. މިރޭ ގޭސް ލިބޭނެ " އޮފްޝަލް ބުންޏެވެ.
ކުޅުދުއްފުށީގައި މީގެ ކުރިން ގޭސް ވިއްކަމުން ދިޔައީ ކުޅުދުއްފުށީ އެސްޓީއޯ މެދުވެރިކޮށެވެ. އެހެންނަމަވެސް ނިމިދިޔަ ވެރިކަމުގައި ވަނީ ކުޅުދުއްފުށީގައި ގޭހުގެ ވިޔަފާރި އަމިއްލަ ފަރާތަކަށް ދޫކޮށްލާފައެވެ. އަދި މިވެރިކަމުގައިވަނީ އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ދެމުންގެންދިޔަ ކާޑުގެ ހިދުމަތް އަމިއްލަ ފަރާތަކަށް ދޫކޮށްލާފައި އެވެ.