ލޭނު މަސްވެރިކަމަށް ޒުވާނުން އަހުލުވެރިކުރުވުމަށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ނިންމާ ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުޅުވާލއިފި އެވެ.
މި ޕްރޮގްރާމުގެ ތެރެއިން ލޭނު މަސްވެރިކަމުގެ އަމަލީ ތަޖްރިބާ ފޯރުކޮށްދީ ރާއްޖޭގައި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ކުރެވޭ ލޭނު މަސްވެރިކަމުގެ ތެރެއިން ދިވެހި ޒުވާން މަސްވެރިންނަށް ފުރުސަތު ހޯދައި ދިނުމަކީ ޕްރޮގްރާމްގެ އަމާޒެއްކަމަށް މިނިސްޓްރީން ބުނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ މަސްވެރިކަމުގެ ސިނާޢަތުގައި މަސްވެރިންގެ ހިއްސާ އިތުރުކޮށް، މަސްވެރިންނަށް އިތުރު ނަފާ ހޯދުމުގެ މަގުސަދުގައި މިނިސްޓްރީން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަ ށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ސިޓީއާއި ގުޅޭނެ ފޯނު ނަންބަރާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއިއެކު އޭޕްރިލް 2 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށައެޅުމަށް އެ މިނިސްޓްރީން އެދެ އެވެ.
ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ 2012 ވަނަ އަހަރު ރާއްޖެއަށް ތައާރަފްކުރިނަމަވެސް މިބާވަތުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދިވެހި މަސްވެރިން ވަރަށް މަދެވެ.
ރާއްޖޭގައި ކުރަމުން އަންނަ މަސްވެރިކަމުގެ ތެރެއިން ލޭނުގެ މަސްވެރިކަމަކީ ބިދޭސީންނަށް މަސްވެރިކަން ކުރުމުގެ ހުއްދަ އޮންނަ ހަމައެކަނި މަސްވެރިކަމުގެ މިސަބަބުން ލޭނު މަސްވެރިކަމުން ބިދޭސީން ނުހައްގުން ފައިދާ ހޯދަމުންދާކަމަށް ތުހުމަތު ތަކަށް ބެލުމަށްފަހު މިދިޔަ އަހަރު ސަރުކާރުން ވަނީ ލޭނު މަސްވެރިކަމަށް ލައިސަންސް ދޫކުރުން ހުއްޓާލާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ލޭނު މަސްވެރިކަމަށް ދިވެހިން ތަމްރީނުކޮށް މި މަސްވެރިކަމުގައި ދިވެހިން ކުރިއެރުވުމެވެ.