ކޮރޯނާ ވައިރަހުގެ ސަބަބުން، މިހާރު އޮތް ހާލަތު އިތުރަށް ގޯސްވެ، އެކަމުގެ ނޭދެވޭ އަސަރު ދިގު ދެމިގެން ހިނގައްޖެނަމަ ސަރުކާރުން ކަނޑައަޅާފައިވާ ޕީއެސްއައިޕީ މަޝްރޫއުތައް ވެސް މަޑުޖައްސާލަންޖެހިދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޭ ރައްޔިތުންގެ މަޖިލީހުން މިނިމަމް ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން މަޑުޖެހިފައި އޮތީ މިނިމަމްވޭޖް ކަނޑައެޅުން ކަމަށާއި ސަރުކާރުގެ މަޝްރޫއުތަކަށް އެކަމުން އަސަރުކުރާތަން ނުފެންނަ ކަމަށް އާންމުންގެ މީހަކު ފާޅުކުރި ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ކޮރޯނާ ވައިރަހުގެ ދަތިކަން އިގުތިސޯދަށް ކުރިމަތިވެފައިވާ ކަމަށެވެ.
އެގޮތުން ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ވެސް ވާނެ ގޮތެއް ނޭނގޭ ކަމަށާއި ސަރުކާރުގެ ރެވެނިއުގެ ބޮޑު ބައެއް ޓޫރިޒަމް އެރައިވަލްއާއި ޓީޖީއެސްޓީ ޓެކްސްއަށް ބަރޯސާ ވާއިރު އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ވެސް މަޑުޖައްސާލަން ޖެހޭނެ ކަމަށެވެ.
ނަމަވެސް އެއީ މިނިސްޓަރުގެ އަމިއްލަ ހައިސިއްޔަތުން ދެކެވަޑައިގަންނަވާގޮތް ކަމަށާއި އެއީ އަދި ސަރުކާރުގެ ފަރާތުން ބުނާ އެއްޗެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.