ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގަައި ވޯޓު ފޮށި ބެހެއްޓޭ ވަރަށް މީހުން ރަޖިސްޓްރީ ކޮށްފައިވާ ނުވާ ތަންތަނަށް ރަޖިސްޓްރީވި މީހުން އަލުން ރީރަޖިސްޓާ ވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.
ރަޖިސްޓަރީ ކުރުން އޮންނާނީ މިއަދު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ.
ކައުންސިލް އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓުމަށް 53 ރިސޯޓަކަށް ފުރުސަތު ހުޅުވާލި އެވެ. އޭގެ ތެރެއިން 28 ރިސޯޓެއްގައި މީހުން ރަޖިސްޓްރީ ކުރި ނަމަވެސް ވޯޓު ފޮށި ބެހެއްޓޭ ވަރަށް މީހުން ރަޖިސްޓްރީ ކޮށްފައެއް ނުވެ އެވެ. ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ މަދުވެގެން 50 މީހުން އެ ރަށެއްގައި ރަޖިސްޓްރީ ކުރުމުންނެވެ.
އީސީން ބުނީ އެ ތަންތަނަށް ވޯޓު ލުމަށް ޓަކައި ރަޖިސްޓްރީވެފައިވާ މިހާރު ވޯޓު ފޮށި ބެހެއްޓޭނެ ކަމަށް ކަށަވަރު ކޮށްފައިވާ ތަންތަނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ. އެ ފުރުސަތު ހުޅުވާލާފައި ވަނީ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
މީގެ އިތުރުން ތިލަފުށްޓާއި ހުޅުލެއާއި އައްޑޫ ގަމާއި ދޫނިދޫ ޖަލުގައި ވެސް ވޯޓު ފޮށި ބެހެއްޓޭ ވަރަށް މީހުން ރަޖިސްޓްރީ ކޮށްފައެއް ނުވެ އެވެ. އަދި ރާއްޖޭން ބޭރުގެ ގައުމުތަކުގެ ތެރެއިން އިންޑިއާގެ ނިއު ދިއްލީ އާއި، ސިންގަޕޫރާއި، ތައިލެންޑާއި، ބަންގްލަދޭޝްގައި ވެސް ވޯޓު ފޮށި ބެހެއްޓޭ ވަރަށް މީހުން ރަޖިސްޓްރީ ކޮށްފައެއް ނުވެ އެވެ.
ރާއްޖޭން ބޭރުގައިނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ރާއްޖޭގެ ހައިކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު އެގައުމެއްގެ ގަޑިން 10:00 އިން ހަވީރު 03:00 އަށެވެ.
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ އެ ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށް އީސީން ބުންޏެވެ.