ޗުއްޓީ ހޭދަކުރުމަށް ސަމަރ އައިލެންޑް ރިސޯޓްގައި އުޅެމުން ދިޔަ ދެފަތުރުވެރިއަކު ކޮވިޑް-19 އަށް ޝައްކުކުރެވޭތީ އެރިޒޯޓަށް އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފި އެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ސަމަރ އައިލަންޑް ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކުކުރެވިފައިވަނީ ފަރަންސޭސިވިލާތުގެ ދެ ފަތުރުވެރިން ކަމަށެވެ. މިދެމީހުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ވ.ތިނަދޫ އަދި ޅ.ކުރެއްދޫ ރިސޯޓުން ފެނުމާއި ގުޅިގެން ވަގުތީ ގޮތުން އެ ދެރަށަށް އަރާ ފޭބުންވެސްވަނީ މަނާކޮށްފަ އެވެ. ތިނަދޫއިން އެރަށުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޓުއަރިސްތަކު ކަރަންޓީންކޮށްފައިވާއިރު ކުރެއްދޫއިން ކަރަންޓީނުކޮށްފައިވަނީ އެރަށުގައި ޗުއްޓީހޭދަކޮށްފައި ފުރައިގެންދިޔަ ބައްޔަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާއަށް ފަރުވާދިން ޑޮކްޓަރެވެ.
މިރަށްރަށަށް އަރާ ފޭބުން މަނާކޮށްފައިވަނީ ޝައްކުކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން ކަމަށާއި އަރާ ފޭބުން މަނާކޮށްފައިވަނީ ކޮވިޑް- 19އަށް ޝައްކުކުރެވިގެން ގެންދިޔަ މީހުންގެ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެންކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ އަމީން ވިދާޅުވިއެވެ.
މިވައިރަސް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް ސަރުކާރުންދަނީ ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އިޓަލީން ޑައިރެކްޓް އަދި ޓްރާންސިޓް ފުލައިޓްތައް މެދުކަނޑާލާ ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ އެތެރެވާ މީހުން ސްކްރީން ކުރުމާއި ކޮވިޑް-19ގެ ކޭސްއެއް ފެނިއްޖެ ހާލަތެއްގައި އެކަމަށް އެކަށީގެންވާ ފަރުވާދެވޭނެ އިންތިޒާމު ރާއްޖޭގައި މިހާރުވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއާއި މިވައިރަސް އެންމެ ގިނައިން ފެނިފައިވާ ދެކުނު ކޮރެއާ އާއި އީރާނުގެ ބައެއް ސަރަހައްދުތަކުން ދިވެހިން ފިޔަވައި އެހެން ބަޔަކަށް ރާއްޖެ އެތެރެ ނުވެވޭގޮތްވެސް ސަރުކާރުން ވަނީ ހަދާފައެވެ.