ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަތޮޅުތެރެއަށް ކުރަމުންދާ ކެމްޕެއިން ދަތުރުތައް ކުރުކޮށްލުމަށްފަހު އެނބުރި މާލެ އައުމަށް ނިންމައިފި އެވެ.
އެކަމާ ގުޅޭގޮތުން ޕީޕިއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ބިރުވެރިކަން މުޅި ދުނިޔެއަށްވެސް ފެތުރިފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް އަތޮޅުތަކުގައި ހަރަކާތްތެރިވަމުންދާ ކޯލިޝަންގެ ޓީމްތައް ދަތުރުތައް ކުރުކޮށްލުމަށްފަހު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެބަޔާނުގައި ބުނެފައިވަނީ އެގޮތަށް ނިންމާފައިވަނީ ރާއްޖެފަދަ ކުޑަ ގައުމެއްގައި މި ބަލި ފެތުރިއްޖެނަމަ ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކާއި ގެއްލުން ބޮޑުވާނެތީކަމަށެވެ. އަދި ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.
އެ ކޯލިޝަނުން އިތުރަށް ބުނީ ޕާޓީން އަބަދުވެސް ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭކަމަށެވެ.