ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ސަމާ އައިލެންޑް ރިސޯޓުން ޓެސްޓު ކުރި ހަތް މީހުން އެ ވައިރަސް އަށް ނެގެޓިވް ވުމާއެކު އެ ރިސޯޓުގެ ލޮކްޑައުން އުވާލައިފި އެވެ.
ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނީ މާލެ އަތޮޅު ސަމާ އައިލެންޑުން ޝައްކު ކުރެވުނު ހަތް މީހުންގެ ހަށިގަނޑުގައި އެ ބަލި ނެތުމުން މިހާރު އެ ރަށް އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބަޔަކު ފެނުމުން އިއްޔެ ހެނދުނުން ފެށިގެން ސަމާ އައިލެންޑު އޮތީ ކަރަންޓީނު ކޮށްފަ އެވެ. ކޮވިޑް-19 އަށް ޝައްކު ކުރެވުނު މީހުންގެ ތެރޭގައި އެ ރިސޯޓަށް ޗުއްޓީ އަށް ދިޔަ ފްރާންސްގެ ދެ ޓޫރިސްޓަކު ވެސް ހިމެނެ އެވެ. ދެން ތިބީ ރިސޯޓުގެ ޑޮކްޓަރާއި އެހެން މުވައްޒަފުންތަކެކެވެ.
ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާ ކަން ސަރުކާރުން ރޭ ވަނީ އިއުލާން ކޮށްފައިވާއިރު މި ވައިރަސް ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފެއްގެ ހަށިގަނޑުންނެވެ.
އެރަށް ޗެކްކޮށްފައިވަނީ އެ ރިސޯޓަށް ޗުއްޓީ އަށް ދިޔަ އިޓަލީގެ ޓޫރިސްޓަކު ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން އެ ވައިރަހަށް ޕޮޒިޓިވް ވިކަން އެންގުމުންނެވެ.
މީގެ އިތުރުން ބަތަލާ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ ޓޫރިސްޓަކު ވެސް ވަނީ ކޮރޯނާ ވައިރަހަށް ޝައްކުވެގެން ކަރަންޓީނުކޮށްފައެވެ. އަދި އެ ރިސޯޓް މިހާރު ވަނީ މީހުން އެރުމާއި ފޭބުން މަނާކޮށް، ލޮކްޑައުންކޮށްފަ އެވެ.
މިހާރު އަމަލު ކުރަމުން އަންނަ އުސޫލަކީ އެ ރަށަކުން ކޮރޯނާ ވައިރަހަށް ޝައްކުވާ މީހަކު ފެނިއްޖެނަމަ ލޮކްޑައުން ކުރުމެވެ. މިއީ މިގޮތަށް ލޮކްޑައުން ކުރި ހަތަރު ވަނަ ރަށެވެ.