ކުޅުދުއްފުށީ ކުނިކޮށީގައި މިދުވަސްވަރު އަލިފާން ރޯނުކުރަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުޅުދުއްފުށީ ބްރާންޗުން އެދިއްޖެ އެވެ.
ފެނަކަ ކުޅުދުއްފުށީ ބުރާންޗްގެ ހަވާލުގެ ދަށުގައި އޮންނަ ކުޅުދުއްފުށީ ކުނިކޮއްޓަކީ ރަށުގެ އެއްފަރާތުގައި އޮންނަ ތަނެއް ނަމަވެސް ކުނިކޮށި ކައިރީގައި މީހުން ދިރިއުޅޭ ގެތަކާއި ކުޅުދުއްފުށީ ސްޓޭޑިއަމް އާއި ސްކޫލެއްގެ އިތުރުން ގިނަކުދިން އެއްވެ އުޅޭ ޕާކުތަކާއި ސަރުކާރުގެ މުއައްސަސާތަށް ހިމެނެ އެވެ.
އެކުންފުނިން ނެރުނު އިއުލާނުގައި ވާގޮތުން ކުނިއުކާލުމަށްޓަކައި ކުނިކޮށްޓަށް ވަންނަ ފަރާތްތަކުން އެތަނުގައި ހުންނަ ކުނިތަކުގައި އަލިފާން ރޯކުރަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށާއި މިދުވަސްވަރު ވައިޖެހެނީ އިރުމަތިން ކަމުން ކުނިތަކުގައި އަލިފާން ރޯކުރުމުން އަރާދުންތައް ރަށުތެރެއަށް ފެތުރުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ފަރާތް ތަކަށާއި ސްކޫލް ދަރިވަރުންނަށް އަދި އެކި އެކި ބޭނުން ތަކަށް ސްޓެޑިއަމް ބޭނުންކުރަމުންދާ ފަރާތްތަކަށް އިންތިހާއަށް އުނދަގޫވަމުން ދާކަމަށެވެ.
އިއުލާނުގައި އިތުރަށް ބުނެފައިވަނީ މަދުބަޔަކުކުރާ މިފަދަ އަމަލެއްގެ ސަބަބުން ރައްޔިތުންގެ ގިނަބަޔަކަށް ނުހަނު ބޮޑަށް ގެއްލުންވަމުންދާތީ އެއްވެސް ފަރާތަކުން ކުނިކޮށީގައިވާ ކުނިތަކުގައި އަލިފާން ރޯނުކުރުމަށް އިލްތިމާސް ކުރާކަމަށެވެ.
ކުޅުދުއްފުށީ ކުނީގެ މައްސަލައަކީހައްލުނުވެ، އެކުނިކޮށީގައި އަބަދުވެސް ދޭތެރެ ދޭތެރެއިން ރައްޔިތުންގެ މީހުން އަލިފާން ރޯކޮށް އޭގެ ދުމުގެ އަސަރުން ގިނަ ރައްޔިތުންނަށް އޭގެ އުނދަގުލާ ކުރިމަތިލާން ޖެހޭ ތަނެކެވެ.