ކޮވިޑް-19 އާ ބެހޭ ގޮތުން ދޮގު ޚަބަރު ފަތުރާ ނޫސްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ފާސްކޮށްފި އެވެ.
އެމްއެމްސީން ވަނީ ބައްޔާ ބެހޭ ގޮތުން މައުލޫމާތު ފެތުރުމާ ގުޅޭ ގޮތުން މީޑިއާތަކުގެ އިސް ވެރިންނާ މަޝްވަރާކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
އެމްއެމްސީން މިއަދު ބޭއްވި ހާއްސަ ބައްދަލުވުމެއްގައި މިގޮތަށް ނިންމާފައި މި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖޭގައި ވެސް ދެ މީހަކު ޕޮޒިޓިވްވެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށެވެ.
ކައުންސިލްގެ ނިންމުމަށް ފަހު މިއަދު ވަނީ އެކަމާ ބެހޭ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ. އޭގައި ވެސް، ހާލަތާ ގުޅޭ ސައްހަ މައުލޫމާތު ގެނެސްދިނުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފައިވެ އެވެ.
އަދި ކަމާބެހޭ އިދާރާތަކުން ގެންދަނީ އާންމުންގެ މެދުގައި ހާސްކަން އިތުރުވާ ގޮތަށް ކަށަވަރު ނުވާ މައުލޫމާތު ނުފެތުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
މި ދަނޑިވަޅުގައި އެކަށީގެން ނުވާ މައުލޫމާތު ފަތުރާ ނަމަ އެ މައުލޫމާތެއް ފަތުރާ މީޑިއާއަކަށް އެކަން އަންގައި އަދި އެންގުންތަކާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ "ގާނޫނީ ފިޔަވަޅު އަޅާނެ" ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު ޗައިނާގައި ފެތުރެން ފެށި ކޮވިޑް-19 ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ފެތުރިފައި ވާއިރު އެންމެ ބޮޑު އެއް މައްސަލަ އަކީ ބައްޔާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފެތުރުން ކަމަށް ސިއްހީ ތަޖުރިބާކާރުން ގެންދަނީ ބުނަމުންނެވެ.