ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކްރޮސްރޯޑްސް މޯލްޑިވްސް އާންމުންނަށް ނުދެވޭ ގޮތަށް ވަގުތީގޮތުން ބަންދުކޮށްފި އެވެ.
ކްރޮސްރޯޑްސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ތަނުގެ މުވައްޒަފުންނާއި ގެސްޓުންގެ ސަލާމަތަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކްރޮސްރޯޑްސް އަށް ޒިޔާރަތްކުރާ މީހުންނަށް އެތަން ބަންދުކުރަން މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބަންދުކޮށްފައިވަނީ ކްރޮސްރޯޑްގެ މެރީނާ އެވެ.
މިހާތަނަށް ކްރޮސްރޯޑުން ވައިރަހުގެ އަލާމާތެއް ހުރި މީހަކު ފެނިފައި ނުވާކަމުގެ ޔަގީންކަން ދޭ ކަމަށާއި ތަން ވަގުތީ ގޮތުން ބަންދުކުރަން ނިންމީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށް ބަޔާނުގައި ވެއެވެ.
ކްރޮސްރޯޑުސް އިން ބުނިގޮތުގައި ތަނުގެ މުވައްޒަފުންނާއި ގެސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އަދި ވައިރަހުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށެވެ. ނަމަވެސް އަންނަ ހުކުރު ދުވަހުން ފެށިގެން އަނެއްކާވެސް އެތަނަށް ޒިޔާރަތް ކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން މި ބައްޔަށް ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.